ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަށް ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަށް ސޮއިކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރާއްޖޭގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ މުހިންމު އެއްބަސްވުންތަކެއްގައި އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި އަލްޓެކް މޯލްޑިސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ރ. ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުނީގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ފަށައި ނުނިމި ހުރި މަސައްކަތްތައް ނިންމުން ހިމެނެއެވެ. މީގެ އިތުރުން ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ވެސް މި ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

ލާމު އަތޮޅުގެ ތިން ރަށެއް ކަމަށްވާ އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ބަދަލުކޮށް، އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގައި މިހާރު ބޭނުންކުރަމުންދާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢުތަކަކީ ރަށްރަށުގައި މެދުކެނޑިފައިވާ އަސާސީ ޚިދުމަތްތަކުގެ މަސައްކަތްތައް އަލުން ފަށައި، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން