ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަރުކާރުގެ ޓްރެޜަރީ ބިލްތަކާއި ބޮންޑުތަކަށް ކުރާ އިންވެސްޓްމަންޓްތަކަކީ އެ ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަން ކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އައު ބްރާންޗް ނެޓްވޯކާއި އޭޓީއެމްތަކުގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ބޭންކުގެ ކެޕިޓަލްގެ ނިސްބަތުން ސަރުކާރުގެ ޓީބީލް އާއި ޓީބޮންޑަށް އިންވެސްޓްކުރި ގޮތަށް ބަލާއިރު، އެ އިންވެސްޓްމަންޓްތައް އަބަދުވެސް ހުންނަނީ ކެޕިޓަލްއާ ބަލައި ގާތްގަނޑަކަށް އެއް މިންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، "މިގޮތަށް ޓީބިލްގައި އިންވެސްޓްކުރުމަށް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓް މިންގަނޑުތަކާ އަޅުގަނޑުމެން ޚިލާފެއް ނުވަން،" ކަމަށެވެ. މިއީ ބޭންކުގެ މާލީ ރައްކާތެރިކަމަށް ބޯޑުން ކަނޑައަޅާފައިވާ ހަމަތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މިހެން ވިދާޅުވެފައިވަނީ، އެ ބޭންކުން ސަރުކާރުގެ ޓްރެޜަރީ ބިލްތަކުގައި ގަވާއިދާ ޚިލާފަށް އިންވެސްޓްކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވަނީ ބޭންކުގެ އިންވެސްޓްމަންޓްތަކަކީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްދާ ކަންކަން ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިންގ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަނީ ހިއްސާކުރައްވާފައެވެ.