ހދ. ކުޅުދުއްފުށީގައި ސަރުކާރުން ކުރިއަށްގެންދާ 2000 ހައުސިންގ ޔުނިޓުގެ ބިޔަ މަޝްރޫޢުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޑިވެލޮޕަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްރޫޢެކެވެ.
ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކުޅުދުއްފުށީގެ ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ތަންތަނެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު، ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އަދި ޓީމްވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.