ޢިބްރަތްތެރި ވާހަކަ: ކުޑަ ދަރިފުޅުއަތުލައި ދޭން އުޅުނު ބޮޑު ހިތްދަތިކަމުން އާދައާ ޚިލާފް ގޮތަކަށް ސަލާމަތްވެވުނު މައެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
ޢިބްރަތްތެރި ވާހަކަ: ކުޑަ ދަރިފުޅުއަތުލައި ދޭން އުޅުނު ބޮޑު ހިތްދަތިކަމުން އާދައާ ޚިލާފް ގޮތަކަށް ސަލާމަތްވެވުނު މައެއްގެ ވާހަކަ!

ތަނަވަސްކަން ހުރީމާ އެއީ އެހެން މީހުންނަށް އަނިޔާވެރިވުމަކީ އުފަލެއް ކަމަށް ދުށުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ތަނަވަސްކަން ދެއްވެވި ފަރާތަށް ޝުކުރުވެރި ނުވެވޭކަން އަންގައިދޭ ކަމެކެވެ. އަދި ތަނަވަސްކަން ނެތަސް އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. އަނިޔާވެރިވާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.  

ވިސްނާށެވެ! އަނިޔާވެރިކަންވަނީ ﷲ ތަޢާލާގެ ޛާތުފުޅަށް ޙަރާމްކުރައްވަވާފައިކަމާއި އަނިޔާވެރިންނަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމާއިއެކުގައިވެސް ﷲ ތަޢާލާ ތަނަވސްކަމާއި އެހެންވެސް ނިޢުމަތްތައް ދެއްވެވުމުން އެކަންކަން ހަނދާން ނެތޭ ބައަކުވެސް އުޅެއެވެ.  

އެފަދަ މީހުން އެމީހަކު ކުރާނެ ނުބައިކަމެއް ކުރަން ދޫކުރައްވަވަތެވެ. ނަމަވެސް މުޅި ޢުމުރަކަށް ނޫނެވެ. ކުރުމުއްދަތަކަށެވެ. އެއަށްފަހު ހިއްޕަވަތެވެ. ދުނިޔޭގައިވެސް މުޞީބާތްތައް ކުރިމަތިކުރައްވަވަތެވެ. މިކަންކަން ކޮންމެ ދުވަހަކުހެން ލޮލަށް ފެންނަމުންދާއިރުވެސް ޤަބޫލުނުކުރެވި ބޭނުންހައި ގޮތަކަށް އުޅޭބައަކުވެސް އުޅެއެވެ.

ތިރީގައި އެވަނީ އެފަދަ ފިރިއެއްގެ ވާހަކައެވެ. އެވާހަކައިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ފިރިމީހާ ކުރިހާ އަމުރުތަކެއްގެ ތެރެއިން އަނބިމީހާ ކިޔަމަން ނުވީ އެންމެ އަމުރަކަށެވެ. އެއީ ނިކަމެތި ޙާލުގައި ދިރިއުޅެމުން އައި މައިންބަފައިންގެ ޙާލުބެލުމަށް އެމީހުންގެ ގާތަށް ނުދިއުމަށް ކުރި އަމުރެވެ! މިއީ ފިރިއަކު ކުރިނަމަވެސް ކިޔަމަންތެރިވާންޖެހޭ އަމުރެއް ނޫނެވެ. މައިންބަފައިންގެ ޙާލުބަލައި އެހީތެރިވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެއަމުރުފުޅުގެ މައްޗަށް އަމުރުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

އެކަމުގެ ސަބަބުން ފިރިމީހާއަށް ކަންކަން ކުރިމަތިވި ހިތްދަތި ގޮތާއި އަނބިމީހާއަށް ލިބުނު އުފާވެރިކަމުގެ ވާހަކަ ވިދާޅުވެލައްވާށެވެ! ކޯޓުގައި އޭނާގެ ދޫ އޮޅުނުކަން ފާހަގަކޮށްލުމުން ޢިބްރަތްތަކެއް އިތުރަށް ލިބޭނެއެވެ. އިން ޝާ ﷲ  

އަޅުގަނޑަކީވެސް ބޮޑުވެގެން އައި ދުވަސްވަރު ގިނަ ބައެއްގެ ސަމާލުކަމަށް އައި އަންހެނަކީމެވެ. ގިނަ ބައަކު ކައިވެނިކުރަން ވެސް އެދުނެވެ. ކައިވެނިކުރީ މައިން ބަފައިންގެ ރުހުމާއި އެއްގޮތަށެވެ. އެމީހުންނަކީ ފަޤީރުން ކަމަށްވާތީ އެމީހުންނަށް އެހީތެރިވެދީ އުޅުނު ތަނަވަސް މީހެއްގެ ދަރިއަކާއިއެވެ.  

ކައިވެނިކުރިއިރު އަޅުގަނޑަކީ ސްކޫލްގައި ކިޔަވައިދޭ ޓީޗަރަކީމެވެ. ފުރަތަމަ ވެސް އެދުނީ ވަޒީފާއިން ވަކިވުމަށެވެ. ބުނީ އޭނާ ހުރިހާ ޚަރަދުތަކެއް ބަލަހައްޓާނެ ކަމަށާއި ބޭނުންވަނީ އޭނާގެ ޚިދުމަތުގައި އަބަދުވެސް ކައިރީގައި ހުންނަން ކަމަށެވެ. އެކަން ޤަބޫލުކޮށް ވަޒީފާއިން ވަކިވީމެވެ. 

ދެންބުނީ އެކުވެރިންނާއި ގުޅުން ނުބޭއްވުމަށެވެ. އެހެން ބުނުމުން ހުރިހާ އެކުވެރިންވެސް ދޫކޮށްލީމެވެ. ދެން ބުނީ މައިން ބަފައިންގެ ގާތަށް ނުދިއުމަށެވެ. އެކަމަށް އިންކާރުކުރީމެވެ. ބުނީމެވެ. "އެގެ އެހެރީ މާދުރަކު ނޫނެވެ. ގޮވައިގެން ގޮސްދޭށެވެ. ގެންގޮސް ނުދޭނަމަ އެކަނިވެސް ޖެހޭނީ ދާށެވެ! މައިންބަފައިން އެތިބީ މުސްކުޅިވެފައެވެ. އެމީހުންގެ ޙާލު ނުބަލައި ނުހުރެވޭނެއެވެ."  

އެހިސާބުން އަޅުގަނޑު ކުށްވެރިވެއްޖެއެވެ. އިހާނެތި ބަސްތައް ބުނަން ފަށައިފިއެވެ. އަޅުގަނޑު ކޮށްދޭ އެއްވެސް ކަމެއް ކަމުނުދާން ފަށައިފިއެވެ. އެފަދަ ޙާލެއްގައި އުޅެމުންދަނިކޮށް ބަލިވެ އިނދެއްޖެއެވެ. ދުވަސް ފުރައި ވިހެއީ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައެވެ. ލިބުނީ އަންހެން ކުއްޖެކެވެ. ބުނީ ފިރިހެން ކުއްޖަކުވެސް ވިހަން ނުކެރުނު ކަމަށެވެ. ދެއްވަވާ ދަރިންގެ ޖިންސް ކަނޑައަޅުއްވަވަނީ ﷲ ކަމާއި އެކަމުގެ އެއްވެސް ބާރެއް މައިމީހާއަށް ނުވަތަ ބައްޕައަށް ނުއޮންނާނެކަން އޭނާއަށް އެނގުނު ކަމަކަށް ނުވިއެވެ.  

ހޮސްޕިޓަލުގައި ދެ ދުވަހު ބާއްވާފައި ގެއަށް ފޮނުވައިލީ ރޭގަނޑެއްގައެވެ. ބަލާ ނުދިއުމުން މަންމަމެންނާއިއެކު ގެއަށް އައުދެވުނުއިރު ގޭގައި ހިލޭ އަންހެނަކު އުޅެއެވެ. ގޭތެރޭގެ ކަންކަން ހުރީ ކަމެއް ސިއްރުވާނެ ގޮތަކަށް ނޫނެވެ. ދޮރުހުޅުވީވެސް ދޮރުގައި ތަޅާތާ އެތައް އިރަކުންނެވެ. 

ކަންކަން ފެނުމުން އަޅުގަނޑު ބޭނުންވީ މަންމަމެންނާއިއެކު ގެއަށްދާށެވެ. އެވާހަކަ ބުނާއިރަށް ބުނީ ވަރިވެއްޖެނަމަ ކޯޓަށް ގޮސް ދަރިފުޅު އަތުލާނެ ކަމަށެވެ. "އަންހެން ކުއްޖަކަށްވެގެން ދަރިފުޅު ބޭނުންނުވާއިރު ދަރިފުޅު އަތުލަނީ ކީއްކުރަންތޯ؟" ސުވާލުކުރުމުން ބުނީ "ކަލޭގެެ ހިތުގައި ޖައްސައި މަރަން" ކަމަށެވެ.

އަޅުގަނޑު ޖަވާބެއް ނުދެމެވެ. ދަރިފުޅު ގޮވައިގެން ގެއިން ނުކުމެގެން ދިއައީއެވެ. ގެއަށް ވަދެވުނުތަނާ ދެ މީހުން ފޮނުވާފައި ބުނީ ވަރިކުރީ ކަމަށެވެ. އެވަގުތުން ފެށިގެން އަޅުގަނޑު ދުޢާކުރަމުން ދިއައީ އޭނާގެ ތަނަވަސްކަމުގެ ނާޖާއިޒު ފައިދާނަގައި ދަރިފުޅު އަތުލުމުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. އަޅުގަނޑު އިނީ ނަމާދުކުރެވޭ ޙާލަތުގައި ނޫންކަމުން ވަރަށް ދެރަވިއެވެ. އަޅުގަނޑަށްޓަކައި ހެޔޮދުޢާކޮށްދިނުމަށް މަންމަ އާއި ބައްޕަގެ ގާތުން އެދުނީމެވެ.  

ދަރިފުޅު ހޯދަން އޭނާ ކޯޓަށް ދިއައީ ދަރިފުޅަށް 3 އަހަރުގައެވެ. އެދުވަހު ކޯޓަށް ދަމުންވެސް ދިއައީ ވަރަށް ގިނައިން ދުޢާކޮށްފައެވެ. ކޯޓުގައި އިނީވެސް ދުޢާކުރުންމަތީގައެވެ. ޝަރީޢަތް ފަށައި މައިމީހާ ނުލާހިކު ރަނގަޅަށް ދަރިފުޅު ގެންގުޅެނިކޮށް، މައިމީހާގެ އަތުން އަތުލަނީ ކީއްވެގެންތޯ؟ ސުވާލުކުރުމުން އޭނާއަށް ބުނެވުނީ ވަރިކުރި ރޭވެސް ބުނި ގޮތަށެވެ. އަޅުގަނޑު ހިތްދަތިކޮށް މަރަން ކަމަށެވެ. އެހިސާބުން ޝަރީޢަތް މެދުކަނޑާލާފައި އިރުކޮޅަކުން ވައްދައި ޙުކުމް އިއްވިއެވެ. "ފިރިމީހާއަކީ އިންސާނުންގެ މައްޗަށް އެއްވެސް ވަރަކަށް ރަޙުމްކުރާ، ހިތުގައި ރަޙުމެއް ނެތް މީހަކުކަން އޭނާގެ ބަހުން ސާބިތުވާތީ އެފަދަ މީހަކާއި ކުޑަރިފުޅަކު ބަލަން ހަވާލުކުރެވެން ނެތް ކަމަށެވެ." ލިބުނު އުފަލުގެ ބޮޑުކަން ބުނެދޭންވެސް ނުއެނގުނެވެ. 

އެއިރު އަޅުގަނޑު ހުރީ އަނެއްކާވެސް ސްކޫލްގެ ޓީޗަރަކަށެވެ. ޝަރީޢަތް ނިމުމާއިއެކު ދެވަނަ ކައިވެނިވެސް ކޮށްފީމެވެ. ދިރިއުޅެމުން މިދަނީ ހަމަ ވަރަށް އުފަލުގައެވެ.

އެއްވެސް މީހަކަށް ދެރައެއް ލިބުމުން އުފާކުރާކަށް ނުވާނެއެވެ. ވަރަށް ދެރަވެ ހުރެމެ ފިރިމީހާއަށް ޖެހުނު ޙާލުވެސް ކިޔައިދޭނަމެވެ. އެއިގެ ފަހުން ކުޑަ ދުވަސްކޮޅެއްވީތަނާ ސައިކަލުން ވެއްޓި ފައަށް ލިބުނު އަނިޔާގައި ނުކުޅެދޭ މީހަކަށްވީއެވެ. ދަނޑިބުރި ވިއްދައިގެން ނޫނީ ނުހިނގޭ މީހަކަށްވީއެވެ.  

މިހާރު އާދޭސްކުރަނީ ދަރިފުޅަށްޓަކައި ފިރިމީހާގެ ގާތުން ވަރިވެ އަލުން އޭނާ އާއި ގުޅުމަށެވެ. ނަމަވެސް އެއީ ދަރިފުޅަށްޓަކައިވެސް ދެން އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ ކައިވެނިކޮށްފިނަމަ ކުރިން ޖެއްސި ޙާލަށްވުރެ މާނިކަމެތި ޙާލުގައި ޖައްސާނެ ކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ފުރަތަމަވެސް ބުނެލަން ބޭނުމީ އޭނާ އަޅުގަނޑަށް ބުނަމުން އައި ނުބައި ބަސް ކޯޓުގައިވެސް ބުނެވެން މެދުވެރިވި ސަބަބަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އޭނާގެ ނިޔަތް ނުބައިވީމާ އޭނާއަށް ދަރިފުޅު ލިބޭނެ ގޮތް ނުވީއެވެ. އަޅުގަނޑާއި މަންމަމެން ކުރަމުން އައި ދުޢާގެ ބާރު އޭނާގެ ތަނަވަސްކަމަށްވުރެ މާބޮޑަށް ގަދަވީއެވެ.  

ލޯބިވާކަމަށް ހެދިގެން ކައިވެނިކޮށްފައި އަނބިން ނިކަމެތިކޮށް އަޅުވެތިކުރާ ފިރިންނަށް އަޅުގަނޑަސް ދިމާވިގޮތުގެ މިވާހަކައިގައި ޢިބްރަތްތަކެއް ވެއެވެ. އަދި ތަނަވަސްކަން ހުރިނަމަ ތިމާ ބޭނުންވާހައި ކަމެއް ކުރެވިދާނެ ކަމަށް ޤަބޫލުކުރާ މީހުންނަށްވެސް މިވާހަކައިގައި ޢިބްރަތެއްވެއެވެ. އަދި އަންހެނުންނަށްވެސް ޢިބްރަތެއްވެއެވެ. އެއީ ކިތަންމެ ތަނަވަސް ނަމަވެސް ނުބައި ނުލަފާ އަނިޔާވެރި ފިރިންނަށް އަޅުވެތިނުވެ ﷲ އަށް އަޅުވެތިވުމުން އެއަންހެނަކު އަޅުވެތި ނުކުރެވޭނެ ކަމެވެ. މާއުފާވެރި ޙަޔާތެއް ދައްކަވާނެ ކަމެވެ.

 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން