ގިނަ ބައަކަށް މާފުކުރަން އެންމެ އުނދަގޫ ކަމަކަށްވަނީ ކައިވެނިކޮށް ލޯބިން އުޅެނިކޮށް ބައިވެރިޔާ ޖަހައިގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ގިނަ ބައަކަށް މާފުކުރަން އެންމެ އުނދަގޫ ކަމަކަށްވަނީ ކައިވެނިކޮށް ލޯބިން އުޅެނިކޮށް ބައިވެރިޔާ ޖަހައިގަތުން!

މާފުކުރަން ބޭނުންވިޔަސް ގިނަ ބައަކަށް މާފުނުކުރެވޭ ކުށަކާއިމެދު ސުވާލުކުރެއެވެ. މިއީ ނަހުސްކުރެވިދާނެ މައުޟޫއެކެވެ.  

މިސުވާލަށް އަހުރެން ދޭނެ ޖަވާބަކީ ކޮންމެ ކުށަކަށްވެސް އޮތީ މާފުކުރުމެވެ. ނަމަވެސް އިންސާނުން ކަމަށްވުމުން ގިނަ ބައަކަށް ބައެއް ކުށްތަކަށް މާފުކުރަން އުނދަގޫވަނީއެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ އެމީހަކު ލޯބިން ކައިވެނިކޮށްގެން އުޅޭ ބައިވެރިޔާ އަތުލައިގަތުމެވެ.  

ތަނަވަސްކަން ހުރިނަމަ ގެއްލޭ ފައިސާއާއިމެދު ކަންބޮޑު ނުވިޔަސް ލޯބިވާ ބައިވެރިޔާ ގެއްލުމުން ހިތަށް ލިބޭ ވޭން ހަނދާން ނައްތައިލުމަކީ ކިތަންމެ ތަނަވަސް މީހުންނަށްވެސް ކުރަން ފަސޭހަ ކަމަކަށް ނުވެއެވެ. އެކަން ތިރީގައިވާ ޙާދިސާގެ ވާހަކައިން އެނގިލައްވާނެއެވެ.

އެދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެކަކީ ތަނަވަސް ފައިސާވެރިއެކެވެ. އަނެކަކީ ވަޒީފާއަދާކޮށްގެން ދިރިއުޅޭ މީހެކެވެ. ބައެއް މީހުންނަކީ ރަނގަޅު ބައިވެރިއެއްގެ އިތުރުން ފައިސާ އާއި ތަނަވަސްކަން ލިބުނު ނަމަވެސް ހިތްފުރޭ ބައެއް ނޫނެވެ. އެހެން މީހުންގެ ކިބައިން ލޯބިބޭނުންވާ ބައެކެވެ.  

އެކަމުގައި ފިރިހެނުންވެސް އަދި އަންހެނުންވެސް އިސްތިސްނާއެއް ނުވެއެވެ. ތަނަވސް އަނބިން ލިބި އެމީހުންގެ ތަނަވަސްކަމުގައި ދިރިއުޅެމުން ވެސް އެހެން އަންހެނުން ބޭނުންވުމަކީވެސް ހަމަ ޢާންމު ކަމެކެވެ. ހަމަ އެފަދައިން ތަނަވަސް ފިރިން ލިބުމުން ހަމަ އެގޮތަށް ކަންކަންކުރާ އަންހެނުންވެސް މަދެއް ނޫނެވެ.  

މިފަހަރު މިކިޔައިދެނީ އަޅުގަނޑުގެ އެކުވެރި ތަނަވަސް ފިރިއަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ. އޭނާގެ އަނބިމީހާ ފިރިމީހާގެ އެކުވެރިޔާ ދެކެ ލޯބިވީ ވަކިވަރަކަށް ނޫނެވެ. އެކުވެރިޔާ އޭނާދެކެ ލޯބި ނުވިނަމަވެސް ފިރިމީހާގެ އަތުން ބޭނުންވަރަކަށް ފަސޭހައިން ފައިސާލިބޭތީ ދެމީހުންގެ މެދުގައި އައީ ސިއްރުން ގުޅުން ބާއްވަމުންނެވެ.

ދުވަސްކޮޅެއްފަހުން ދެމީހުން ރޭވީ ފިރިމީހާ ދުނިޔެއިން ދުއްވާލުމަށެވެ. އެންމެ ފަސޭހަ ގޮތެއް ގޮތެއް ކަމަށް ބަލައި ކާރު ދުއްވާލުމުން ސްޕީޑް މެކުހަށް އަރައި ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓްވާނެ ގޮތަށް ކަންކަން ކުރިއެވެ.  

އަނެއް ދުވަހު ކާރު އެކްސިޑެންޓްވެ ދުއްވަން އިން މީހާއަކީ ކާކުކަން ނުއެނގޭވަރަށް ޒަޚަމްވެ މަރުވެއްޖެއެވެ. އެކްސިޑެންޓްވުމުގެ ޚަބަރު ލިބުމާއިއެކު އެދެމީހުން ދިއައީ އުފަލުން ފޮޅިގެންނެވެ. ޖަނާޒާގެ ކަންތައްތައް ނުވެސް ނިމެނީސް ދެމީހުންގެ ލޯބީގެ ކުޅިގަނޑު ފަށައިފިއެވެ.  

އެއިގެ 5 މަސްފަހެވެ. ދެމީހުން ކައިވެނިވެސްކޮށްގެން އުފަލުގައި ދިރިއުޅެން ފަށައިފިއެވެ. 

އެމީހުންނަށް ޙާޞިލް ނުކުރެވުނު ކަމަކީ ކޯޓުން މައްސަލަ ނިންމައި ފިރިމީހާގެ ތަނަވަސްކަމުގެ މައްޗަށް ވެރިވެގަތުމެވެ. އަނބިމީހާ ޚަރަދުކުރަމުން ދިއައީ އޭނާގެ އެކައުންޓަށް ކުރިން ފިރިމީހާ ޖަމާކޮށްދީފައި ހުރި ފައިސާތަކެވެ. ކުންފުނީގެ ކަންކަން ބަލަހައްޓާކަމަށް އެނގިފައި އޮތީ ފިރިމީހާގެ ބޭބެއެވެ.  

ކޯޓުން މުދަލުގެ މައްސަލަ ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ދެމީހުން އުފަލުގައި ދިރިއުޅެމުންދަނިކޮށް ފެނުނީ މަރުވިކަމަށް ނިންމައިގެން ތިބި ފިރިމީހާ ކުއްލިއަކަށް އައިސް ގެއަށް ވަންތަނެވެ. އޭނާއާއިއެކު ފުލުހުންވެސް އައެވެ. އަދި ދެމީހުން އެކުގައި ހައްޔަރުކޮށްފިއެވެ.  

ޙަޤީޤަތަކީ އެވަގުތު ކާރުދުއްވަން އިނީ އޭނާ ނޫންކަމެވެ. ޑްރައިވަރުކަމެވެ. ޒަޚަމްވެފައި އޮތްވަރު  ބޮޑުކަމުން ފާހަގަ ނުކުރެވުނީއެވެ. އެއިރު އޭނާ އިނީ އޮފީހުގައެވެ. އެކްސިޑެންޓްގެ ޚަބަރު ލިބުމުން ފިލީއެވެ. ފިލައި ހުރީ އޮފީހުގައެވެ. އެކަން އެނގެނީ އޭނާގެ ވަރަށް ޚާއްޞަ މަދު މުވައްޒިފުން ކޮޅަކަށާއި އޭނާގެ ޢާއިލާއަށެވެ. އެގޮތަށް އެކަންތައްކޮށް ފިލައިހުރީ އެކަން ހިނގި ގޮތުގެ ޙަޤީޤަތް އޮޅުންފިލުވުމަށެވެ.  

ފުލުހުން އެދެމީހުން ހައްޔަރުކުރި ވަގުތު އެކުވެރިޔާއަށް ބުނެވުނެވެ. "ކިތައް ފަހަރު އަހަރެން ކަލޭގެ ފުރާނަ ސަލާމަތްކޮށްދިނިން ހެއްޔެވެ؟ ލިބެން އުޅުނު މާލީ ކިތައް ގެއްލުމުން ސަލާމަތްކޮށްދިނިން ހެއްޔެވެ؟ އެކަމަކުވެސް އެއްވެސް ރަޙުމެއްނެތި އަހަރެން ޖަލަށް ފޮނުވާލަނީހެއްޔެވެ؟"  

ޖަވާބުގައި އޭނާ ބުންޏެވެ. "އަހަރެންނަށް ކަލޭ ވަރަށް ގިނަ ކަންތައްތައް ކޮށްދިނެވެ. އެކަންކަމަށް ޝުކުރުވެރިވެސްވަމެވެ. އެއިގެ ބަދަލުގައި އަހުރެން ކަލެއަށް ކޮށްދިން ކަންތައްތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ފުރަތަމަ ދުވަހުން ފެށިގެންހެން ކަލޭ އައީ އަހަރެންގެ އަނބިމީހާގެ ބޭނުންކުރަމުންނެވެ. އެކަން އެނގޭއިރުވެސް ކެތްތެރިވީ ކަލޭމެން 2 މީހުންނަށް ވިސްނި  އިޞްލާޙްވޭތޯއެވެ. ނަމަވެސް އިޞްލާޙްވުމުގެ ބަދަލުގައި ކަލޭމެންނަށް އެންމެފަހުން ތިއަ ކުރެވުނީ ކޮންފަދަ ނުބައި ކަމެއްކަމާއިމެދު ވިސްނައިލާށެވެ! އެތައް ނުރައްކަލަކުން އަހަރެން ސަލާމަތްކޮށްދިން އެކުވެރިޔާ އެންމެފަހުން ތިއަ ބަދަލުވީ އަހަރެންގެ ޤާތިލަކަށް ނޫންހެއްޔެވެ؟ އެންމެ ރަނގަޅެވެ! އެހުރިހާ ކަންކަމަށްވެސް ޝަރީޢަތުގައި މާފުކުރާނަމެވެ. ނަމަވެސް މާފުނުކުރާނެ އެއްކަންތައް އެބައޮތެވެ! އެއީ އަހަރެން ވަރަށް ވަރަށް ލޯބިން ކައިވެނިކުރި އަނބިމީހާ އާއި ކަލޭ ބޭއްވި ގުޅުމެވެ. ޒަޚަމްތަކުގަލާ ފާރު ފިލުވައިލެވިދާނެއެވެ! ނަމަވެސް ހިތުގަލާ ފާރުފިލުވައެއް ނުލެވޭނެއެވެ!"

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރަނީ ކިތަންމެ ތަނަވަސް ނަމަވެސް ބައިވެރިޔާގެ ހިތުގެ ލޯތްބަށް ބޭނުންވާ މިންވަރު ހާމަކުރާށެވެ. އަނބިމީހާގެ ގައިގާ، އެއީ ކިތަންމެ ގާތް މީހަކު ނަމަވެސް ހިލޭ ފިރިހެނަކު ބީހެން ބޭނުންނުވާވަރު ހާމަކުރުމަށެވެ.  

މިލިއަނަރުގެ އެކުވެރިޔާ ބޭނުންވިހައި ކަމެއް ކޮށްދެމުން ދަނިކޮށްވެސް އޭނާގެ އަނބިމީހާ އާއިއެކު ގުޅުން އުފައްދައި ކަންކަންކުރީ އެވަރުންވެސް ހިތްނުފުރޭތީ އަންހެން މީހާގެ އަތުންވެސް ބޭނުންވާތީއެވެ. އަނބިމީހާ އޭނާ އާއިއެކު ގުޅުން ހިންގީ ތަނަވަސްކަމާ ލޯތްބާ އަޅާލުން ދިނުމުންވެސް ހިތްނުފުރިގެންނެވެ.  

މިވާހަކަ ކިތަންމެ ކުރު ނަމަވެސް އަންގައި މިދެނީ މިއަދުގެ ޙާލަތެވެ. ކަންކަން ހިނގަމުންދާ ގޮތެވެ. މިހާލަތުގަ ވިސްނުން ހުރީމަ ކަންކަން އިޞްލާޙްވެ އުފާވެރި ދިރިއުޅުމެއް ލިބޭނީވެސް ކިހިނަކުން ހެއްޔެވެ؟

 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން