ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ ނިމިއްޖެ

ޅ. ނައިފަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ 54 އިންސައްތަ މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ނައިފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރުގެ ފަޅުން 44.8 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި ބިން ހިއްކުމަށްޓަކައި ވެލި އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލެވިފައެވެ.

ބިން ހިއްކުމުގެ އިތުރުން، ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިލުމުގެ އިތުރުން 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ. މި މަޝްރޫޢު ނިމުމުން ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން