ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލުމަށް ޖަލުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން، މިހާރު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށްވެސް ޖަލުގައި ވޯޓުލެވޭނެ އިންތިޒާމު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނާއި ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކޮށްފައިވާ މީހުންގެ ތެރެއިން ޖަލުތަކުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކުވެސް އެ މީހަކު ކުރިން ރަޖިސްޓްރީކޮށްފައިވާ ޖަލަކަށް ދިއުމުން، އެ ތަނެއްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި އިންތިޚާބުގައި ޖަލުތަކުގައި ޖުމްލަ 5 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޖަލުތަކުގައި ތިބި ގައިދީންނާއި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ޖަލުތަކަށް ވޯޓުލާން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވޭ އިންތިޒާމެކެވެ.
ވޯޓުލުމުގެ ޙައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްގަކަށްވާއިރު، މި ޙައްގު ކަށަވަރު ކުރުމަށްޓަކައި ކޮންމެ އިންތިޚާބަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައެވެ. މިއީ އެ މީހަކު އާންމުކޮށް ވޯޓުލާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމަ، އެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ކުރިއަށްގެންދާ މުހިންމު މަރުހަލާއެކެވެ.