ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައިގަނޑު އަމާޒަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ޢަމަލީ ސިފަ ގެނެސްދިނުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. ޒުހައިރު މިހެން ވިދާޅުވީ ކުޅުދުއްދުފުށީ ސިޓީގައި 2000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ އެޗްޑީސީއަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި ވޭތުވެދިޔަ 25 އަހަރު ދުވަހު ގިނަގުނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ފަދަ ބިޔަ މަޝްރޫޢެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، އެތައް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެޗްޑީސީން އަދާކޮށްފައިވާ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިތުރަށް ވިދާޅުވީ، ކުންފުނީގެ ތަޖުރިބާއާއި ފަންނީ ޤާބިލުކަން މިހާރު މުޅި ރާއްޖެއަށް ފުޅާކުރަން ފަށާފައިވާ ކަމަށެވެ. އަދި ކުޅުދުއްދުފުށީގައި ފެށި މި މަޝްރޫޢަކީ ހުޅުމާލެއިން ބޭރުގައި އެޗްޑީސީން ކުރިއަށްގެންދާ ފުރަތަމަ ބޮޑު މަޝްރޫޢުކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރަން،" ޒުހައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅުދުއްދުފުށީގެ މި މަޝްރޫޢު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެއެވެ.
މި މަޝްރޫޢަކީ އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، އެޗްޑީސީގެ ބައިވެރިވުމާއެކު ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.