ހއ. ދިއްދޫގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ޚާއްޞަ އެކޮމޮޑޭޝަން ފެސިލިޓީއެއް ބިނާކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ޙިކްމާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ. މި މަޝްރޫޢަކީ ޖުމްލަ 20.31 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން ދިއްދޫގެ 416.51 އަކަމީޓަރުގެ ސަރަޙައްދެއްގައި ތިން ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތުގައި ދަރިވަރުންނަށް ބޭނުންވާނެ ގިނަ ވަޞީލަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި:
- ފާހަނައާއެކު ތައްޔާރުކުރެވޭ 32 ކޮޓަރި - ބަދިގެއާއި ކާގެ - ޖިމް އަދި މުނިފޫހިފިލުވާ މަރުކަޒު - އެއްޗެހި ދޮންނަ ކޮޓަރިއާއި ސްޓޯރ ރޫމް - ދަރިވަރުން ހުސްވަގުތު ހޭދަކުރުމަށް ޚާއްޞަ ސަރަޙައްދެއް
ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ދިއްދޫއަކީ 4,186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ މި ރަށަކީ ބޮޑު ތިލަދުންމަތީގެ އެންމެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާ އެއް މަރުކަޒެވެ. އެހެންކަމުން، އަތޮޅުގެ އެހެން ރަށްރަށުން ދިއްދޫއަށް ތަޢުލީމު ހާސިލުކުރަން އަންނަ ދަރިވަރުންނަށް މިފަދަ ފެސިލިޓީއެއް ޤާއިމުވުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.