ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިން ގެންނައިރު، އެ ވިޔަފާރިއަކަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު 20 އަށްވުރެ މަދުނަމަ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށްޓަކައި، އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ ބިދޭސީއަކަށް 2,000 ރުފިޔާގެ ކޯޓާ ފީއެއް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ތަނަކަށް ދައްކަންޖެހެއެވެ. ނަމަވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލުއި ދިނުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ 20 އަށްވުރެ މަދުން ބިދޭސީން ގެންގުޅޭ މިފަދަ ވިޔަފާރިތައް އެ ފީން އިސްތިސްނާކޮށްފައެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ކޯޓާ ފީން އިސްތިސްނާވާ ކުންފުންޏަކާ ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި އިސްތިސްނާއެއް ނުލިބޭނެއެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން 20 އަށްވުރެ ކޯޓާ އިތުރުކުރާ ހާލަތްތަކުގައި، އިތުރުކުރާ ކޮންމެ ކޯޓާއަކަށް ކޯޓާ ފީ ދައްކަން ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، އޭގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރަމުންދިޔަ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުން ހުއްޓާލަން ޖެހޭނެއެވެ.

އަލަށް ގެނެވުނު އިސްލާހުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުޔެއްވެސް ވަނީ ހިމަނާފައެވެ. އެގޮތުން، ވޯކް ޕާމިޓް ފީ ނުދެއްކޭ ހާލަތްތަކުގައި، ފީ ނުދެއްކޭ ސަބަބު ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުމުން، ހާލަތަށް ރިއާޔަތްކޮށް ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ.

މި ބަދަލުތަކަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަކޮށްދީ، އެ ވިޔަފާރިތައް ހިންގުމުގައި ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.

މިއަދު އޮންލައިން