މީދޫ ހެލްތު ސެންޓަރުގެ ޚިދުމަތް ލެވަލް 3 އިން 4 އަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މީދޫ ހެލްތު ސެންޓަރުގެ ޚިދުމަތް ލެވަލް 3 އިން 4 އަށް ބަދަލުކޮށްފި

ރ. މީދޫ ސިއްޙީ މަރުކަޒުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އެ މަރުކަޒުގެ ދަރަޖަ ލެވަލް 3 އިން ލެވަލް 4 އަށް މިއަދު ރަސްމީކޮށް ބަދަލުކޮށްފިއެވެ.

މިކަން ފާހަގަކުރުމަށް މީދޫގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. މި ޙަފްލާގައި މީދޫ ސިއްޙީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މީދޫ ސިއްޙީ މަރުކަޒަކީ މިހާރުވެސް 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ މަރުކަޒެކެވެ. އަދި ފަހަކަށް އައިސް އެ މަރުކަޒުން ވަނީ ސްޕެޝަލިޓީ ޚިދުމަތްތައްވެސް ދޭން ފަށާފައެވެ. ސިއްޙީ މަރުކަޒަށް އައި މި ކުރިއެރުންތަކާއެކު، މީގެ ކުރިން ލެވަލް 3 އެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، މިހާރު ދެމުންދާ ޚިދުމަތްތަކާ އެއްވަރަށް މަރުކަޒުގެ ލެވަލް މިވަނީ މަތިކުރެވިފައެވެ.

މީދޫގެ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން މީދޫގައި ތަރައްޤީކުރާނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި ބަދަލާއެކު މީދޫގެ އިތުރުން އެ ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ލިބެމުންދާ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން