ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި ބިދޭސީންގެ މެޑިކަލް ވާރކް ޕާމިޓް ދޫކުރުމަށް ބޭނުންވާ ޚިދުމަތްތައް ރަސްމީކޮށް ދޭން ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކުރުމަށްޓަކައި އެ ސިއްޙީ މަރުކަޒުގައި އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ހޮޅުދޫއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙްމަދު ޤާސިމް އާއި ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ޙަމްދާން ނާޞިރު އެވެ.
ހޮޅުދޫ ސިއްޙީ މަރުކަޒުން ބުނެފައިވަނީ، މިއީ އެ ރަށުގެ މުޖުތަމަޢަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް މިނިސްޓްރީގެ އިސް ބޭފުޅުން ވަޑައިގެންނެވިކަމީ އެ މަރުކަޒަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މި ޚިދުމަތް ފެށުމާއެކު، ހޮޅުދޫގައި މަސައްކަތްކުރާ ބިދޭސީންނަށް ވާރކް ޕާމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް ރިޕޯޓްތައް ތައްޔާރުކުރުމަށް ދެން އެހެން ރަށަކަށް ދާން ނުޖެހި، ފަސޭހަކަމާއެކު ރަށުން އެ ޚިދުމަތް ލިބިގެންދާނެއެވެ.