އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، އެކުދިންނަށް އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޯޓިޒަމަކީ މުޖުތަމައުގެ ތަފާތު ހުނަރުތަކާއި ސިފަތަކުގެ ބައެއް ކަމަށާއި، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި، ހަމަހަމަ ފުރުސަތުތަކާއި، މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި ގޭތެރެއިންނާއި، ސްކޫލްތަކުންނާއި، މަސައްކަތުގެ މާހައުލުންނާއި އާންމު ތަންތަނުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ޝާމިލުވުމުގެ ފުރުސަތު ހޯދައިދިނުން ފެށެނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި އަމަލީ މަސައްކަތްތަކުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ކުރީކޮޅުގެ އެހީތެރިކަމާއި (އާލީ އިންޓަވެންޝަން)، ޝާމިލު ތައުލީމާއި، މުޖުތަމައުގެ ބަލައިގަތުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. "އެކުދިންގެ ހުނަރުތަކާއި، ގާބިލިއްޔަތުކަން ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުން، އެކަމުގެ ފައިދާ ހަމައެކަނި އެކުދިންނަށް ކުރާނީއެއް ނޫން، އޭގެ ސަބަބުން މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ސްކޫލްތަކުގައި ޝާމިލު ތައުލީމުގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، މަސައްކަތުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އޯޓިޒަމް ހުންނަ ކޮންމެ މީހަކީވެސް މުޖުތަމައުގެ ބަލައިގަތުމާއި، އިހުތިރާމާއި، ހަމަހަމަ ފުރުސަތުތަކާއެކު އަމިއްލަ މިނިވަންކަމުގައި ދިރިއުޅެވޭނެ ފަރާތަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ.