ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަކީ އަމާޒެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމުމަކީ އަމާޒެއް: ވަޒީރު

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުފުޅާކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިހާރު ކުރިއަށް ދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތާއި ގުޅޭގޮތުން ވަޒީރު މުއްޠަލިބް ވިދާޅުވީ، އަމާޒަކީ މިހާރު ފަށާފައިވާ ބައިގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަސްތެރޭގައި ނިންމާލުން ކަމަށެވެ. އަދި މުޅި މަޝްރޫޢުގެ ތެރެއިން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ބައިގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމުގެ އިތުރުން އިތުރު ވަސީލަތްތައް ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސައްކަތް ނިމޭއިރު 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަނޑުއުޅަނދުފަހަރަށް ފަސޭހައިން ކައިރި ކުރެވޭނެ ގޮތަށް ވަށައިގެން ކީވޯލް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ ގިނަ އޮފީސްތަކެއް ހުންނަ އަދި ކާރޫބާރޫ ބޮޑު ސަރަޙައްދެއް ކަމުން މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް، "އާންމުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަނޑައެޅިފައިވާ ތާރީޚުތަކަށް މަަސައްކަތް ނިންމޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް" ކަމަށް ސަޢުދީ ވިދާޅުވިއެވެ.

މިއަދު އޮންލައިން