ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފިއެވެ. މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކުރުމާއި، އެތަކެތި ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ތިލަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ތަކެއްޗަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސޮލިއުޝަން (އައިޑީއެސް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުން ހޯދާފައިވާ ތަކެއްޗެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަނީ އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބޭނުންވާ 230 މެޝިނަރީ ގެނެސްފައެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތަކެއް މިއަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަވާނެ ކަމަށެވެ. މި މެޝިނަރީތަކަކީ އެ ވައުދުފުޅުގެ ދަށުން ގެނެވުނު ތަކެއްޗެވެ.
މެޝިނަރީތައް ގެނައުމުގެ އިތުރުން، މި ތަކެތި މަރާމާތުކުރާނެ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އާރްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.