އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.
އެމްއޭސީއެލުން ހާމަކޮށްފައިވާ ގޮތުގައި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މީގެ ސަބަބުން އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.
އައު ޓަރމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީގެ ހިދުމަތް ގާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކުރުން ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. މީގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިވެ، ސަރަޙައްދީ އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް އެ ކުންފުންޏުން ލަފާކުރެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއްގެ ގޮތުގައި އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ. މި އައު ޚިދުމަތާއެކު ގަން އެއަރޕޯޓަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ފުރިހަމަ ޚިދުމަތްތައް ލިބޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.