އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.

ސްކޭޓް ޕާރކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާރކް ބައްލަވާލެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ސްކޭޓިންއަށް މިހާ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށް ނިންމަވާލެއްވުނީ އެންމެ ފަސް މަސް ދުވަހުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް މި މަސައްކަތްކޮށް ނިންމަވާލެއްވުނީ، އެކަމަށް އަދި އެ ކުޅިވަރަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއި، ސްކޭޓިން ކުރިއެރުއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާއިމީ ސްކޭޓިންގ އެރީނާއެއް ތަރައްޤީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން