އައު އުޅަނދުތަކާއެކު މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުވެ، ތަރައްޤީގެ މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ. ނަޒީމް މިހެން ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީ ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ މިފަދަ މުހިންމު ތަކެތި ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަރައްޤީގެ މަސައްކަތްތައް ހަލުވިކުރުމަށް ގެންގުޅުއްވާ ދުރުވިސްނުންފުޅުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ކުންފުނިން މަސައްކަތް ކުރަމުންދަނީ ގިނަ ގޮންޖެހުންތަކަކާއެކުކަން ފާހަގަކުރައްވައި ނަޒީމް ވިދާޅުވީ، އަލަށް ލިބުނު މެޝިނަރީތަކާއެކު މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. "މިތަކެތީގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ، މަޝްރޫއުތައް ނިންމުމަށް ދީފައިވާ ތާރީހުތަކަށް ވުރެ އަވަހަށް މަސައްކަތްތައް ނިންމާލެވޭނެ،" ނަޒީމް ވިދާޅުވިއެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މި އައު އުޅަނދުތަކަކީ އެ މަޝްރޫއުތައް ފެންވަރު ރަނގަޅުކޮށް އަދި އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.