ގޮއިދޫ، ފިއްލަދޫ، ގާފަރު، އަދި މަޑުއްވަރީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންްދިއުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ގޮއިދޫ، ފިއްލަދޫ، ގާފަރު، އަދި މަޑުއްވަރީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންްދިއުމަށް އެމްޓީސީސީއާ ޙަވާލުކޮށްފި

ބ. ގޮއިދޫ، ހއ. ފިއްލަދޫ، ކ. ގާފަރު، އަދި މ. މަޑުއްވަރީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިމާރާތްކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ބ. ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމާއި، ހއ. ފިއްލަދޫ ބަނދަރު އަޕްގްރޭޑްކުރުމާއި، ކ. ގާފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މ. މަޑުއްވަރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢެވެ.

ގޮއިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 250 މީޓަރުގެ އެލްބްލޮކް އެއްގަމު ތޮށި ޖެހުމާއި، 351 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 116 މީޓަރުގެ ރިވެޓްމެންޓާއި، ގްރޮއިން ޖެހުމާއި، ޕޭމަންޓު ހެދުމުގެ އިތުރުން މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުން ހިމެނެއެވެ. ފިއްލަދޫ މަޝްރޫޢުގައި 3.9 ހެކްޓަރުގެ ބިން ހިއްކުމާއި، ބޭރުތޮށި ޖެހުމާއި، 458 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ކ. ގާފަރު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 956 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުން ހިމެނެއެވެ. މީގެއިތުރުން މ. މަޑުއްވަރީގައި 4.1 ހެކްޓަރުގެ ބިން ހިއްކައި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުތަކަކީ އެ ރަށްރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ނިމުމުން އެ ރަށްރަށުގެ ބަނދަރުގެ ދަތިކަމާއި ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން