މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދެމުން އަންނަ މެރިޓް އެވޯޑް، މިއަހަރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ ހަތަރު ދަރިވަރަކަށް ދީފިއެވެ. މި އެވޯޑަކީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުން އަންނަ އެވޯޑެކެވެ. ސީއެޗްއެސްސީގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑުތައް ދަރިވަރުންނާ ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒެއިމްއެވެ. މިއީ މި އެވޯޑު ދިން ތިންވަނަ އަހަރެވެ. މިދިޔަ ދެ އަހަރުވެސް އެމްއޭސީއެލްއިން ވަނީ މި އެވޯޑު ދަރިވަރުންނަށް ދީފައެވެ. މިއަހަރުގެ މެރިޓް އެވޯޑް ހާސިލްކުރި ހަތަރު ދަރިވަރުންނަކީ އަޒުވަދު ޒާހިދު ހަމީދު، އިޒާން އަލީ، ހަމްދާ އަޙްމަދު ޝިހާމް އަދި އާއިޝަތު ނައުރީން ހަމްދީ އެވެ. މި އެވޯޑަކީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށާއި ފިރިހެން ދެ ދަރިވަރަކަށް ދެވޭ އެވޯޑެކެވެ. އެމްއޭސީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެވޯޑަށް ދަރިވަރުން ހޮވަނީ ސީއެޗްއެސްސީގެ ފަރާތުންނެވެ. މި އެވޯޑު ލިބުނު ކޮންމެ ދަރިވަރަކަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު ދެވޭ ފައިސާގެ އެލަވަންސެއްވެސް މި ދަރިވަރުންނަށް ލިބޭނެއެވެ.