ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސަރުކާރުން މިއަދު ދައްކައި ހަލާސްކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން ދައްކާފައިވާ ކަމަށެވެ. މި ދަރަނި އަދާކުރެވުމާއެކު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި ސުކޫކަކީ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ 'ސަނީ ސައިޑް ބޮންޑު' އަދާކުރުމަށްޓަކައި 2021 ވަނަ އަހަރު ވިއްކި ސުކޫކެކެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ސުކޫކު ވިއްކާފައިވަނީ އޭރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގައެވެ. އަދި އެ ފައިސާ އަނބުރާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއް އޭރު އެކުލަވާލާފައި ނުވާކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިގުތިސާދާއި މާލިއްޔަތަށް ދަތިތަކެއް ކުރިމަތިނުވާނެ ގޮތަށް މި ދަރަނި އަދާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. އޭގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް (އެސްޑީއެފް) ފައިސާ ޖަމާކުރަން ފެށުމާއި، އެއާޕޯޓު ތަރައްގީކުރުމަށް ނަގާ ފީގެ ރޭޓު 2024 ވަނަ އަހަރު ބޮޑުކުރުން ހިމެނެއެވެ. މި ބަދަލު ގެނެސްފައިވަނީ ދިވެހި ފަސިންޖަރުންނަށް އޭގެ އަސަރު ނުކުރާނެ ގޮތަށެވެ.
މި ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން އެސްޑީއެފްގައި ހުރި ފައިސާގެ އަދަދު 350 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަނީ މިއަހަރުގެ މާޗު މަސް ނިމުނުއިރު 1.3 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް މިހާ މަތީ މިންވަރަކަށް އިތުރުވި ފުރަތަމަ ފަހަރެވެ.