އުކުޅުވަޅު ހުޅުގެ ކަށި ހަލާކުވާ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'ކޯ ޑިކޮމްޕްރެޝަން' ސާޖަރީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ތައާރަފުކޮށްފިއެވެ. މިކަން ހާމަކުރެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއެވެ.
މި އައު ޚިދުމަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ، މިއީ އުކުޅުވަޅު ހުޅުގެ ކަށި ހަލާކުވަމުންދާ ބަލި ނުވަތަ 'އޮސްޓިއޯނެކްރޯސިސް' (Osteonecrosis) އަށް ފަރުވާ ދިނުމަށް ތައާރަފުކުރެވުނު ޒަމާނީ ފަރުވާއެއް ކަމަށެވެ.
މި ފަރުވާގެ ތެރެއިން ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ހަލާކުވަމުންދާ ކަށި ސާފުކުރުމަށްފަހު، "ބޯން ގްރާފްޓް" އަދި "ޕީ.އާރު.ޕީ" (PRP) މެދުވެރިކޮށް އާ ކަށި އުފެއްދުމަށް މަގުފަހިކޮށްދޭނެއެވެ. މިއީ 'މިނިމަލީ އިންވޭސިވް' ނުވަތަ ހަށިގަނޑުން ވަރަށް ކުޑަ ތަންކޮޅެއް ކަފައިގެން ކުރިއަށްގެންދާ ސާޖަރީއަކަށް ވުމުން، ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ފަރުވާއަށްފަހު އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، މިފަދަ ޒަމާނީ ފަރުވާތައް ދިވެހި ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމާއި އެހީތެރިކަމަށްޓަކައި، ސީއީއޯ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، މި ޚިދުމަތް ތަޢާރަފުކުރުމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އައި.ޖީ.އެމް.އެޗްގެ ކަށީގެ ބަލިތަކާބެހޭ ޑިޕާޓްމަންޓުގެ ހީވާގި ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ޓެކްނިކަލް މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް ހަލީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި އައު ޓެކްނޮލޮޖީއާއެކު، ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން މިފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެގެންދާނެއެވެ.