ސަރުކާރު ޓެކްސީލައިންގެ ޚިދުމަތް ބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށް: ވަޒީރު އަމީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސަރުކާރު ޓެކްސީލައިންގެ ޚިދުމަތް ބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށް: ވަޒީރު އަމީން

ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތަކީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާވެގެންވާ ޚިދުމަތެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޓެކްސީ ލައިން އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މި ޚިދުމަތް ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

taxi

ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޚިދުމަތް ބިނާވެފައިވާ ފުރަތަމަ އަސާސަކީ، ޓެކްސީގައި ދަތުރުކުރާ ފަރާތްތަކާއި ޑްރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދެވަނަ އަސާސަކީ، މި މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ ޓެކްސީ ފެއަރ ނުވަތަ އަގުތަކުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އަމީން ވިދާޅުވިއެވެ.

ތިންވަނަ އަސާސެއްގެ ގޮތުން ވަޒީރު ފާހަގަކުރެއްވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން، ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް، ހުރިހާ ވަގުތެއްގައިވެސް ފަސޭހައިން ޓެކްސީ ހޯދޭނެ އިންތިޒާމު މި ޚިދުމަތުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، މާލެ ސިޓީގެ ސަރަހައްދު ބްރިޖުތަކުން ގުޅާލެވުމުން މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުން ގުޅިގެންދާއިރު، ޓެކްސީ ލައިންގެ ކެޕޭސިޓީ އިތުރުކޮށް، މުޅި ސަރަހައްދަށް ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މުޙައްމަދު އަމީން ދެއްވިއެވެ.

މިއަދު އޮންލައިން