ކިތަންމެ ފަޤީރު ޙާލުގައި ދިރިއުޅެން ޖެހުނަސް ދެމަފިރިން ލޯބިން ދިރިއުޅެ ދަރިންނަށް އެކަމުގެ ނަމޫނާ ދައްކައިދީފިނަމަ އެކަމުގެ ފައިދާ ދަރިންނަށް ހުރިހާ ގޮތަކުންވެސް ކުރެއެވެ. ހަމަ އެފަދައިން ކިތަންމެ ތަނަވަސް ނަމަވެސް ދެމަފިރިންގެ މެދުގައި ލޯތްބާއި އަޅައިލުން އަދި ވަފާތެރިކަން ނެތި ހަމަނުޖެހުމުގައި ދިރިއުޅޭނަމަ އެކަމުގެ ނޭދެވޭ އަސަރުވެސް ދަރިންނަށް ކުރެއެވެ.
ތިރީގައިވާ ވާހަކައަކީ ފަޤީރުން ޙާލުގައި ދެމަފިރިން ކެތްތެރިވެ އެކަކު އަނެކަކު ދެކެ ލޯބިވުމުގައި ދަރިންނަށް ނަމޫނާ ދައްކަމުން އައި ދެމަފިރިއަކު ދާދިގާތްގާތުގައި ނިޔާވުމުން ދޮށްޓަށްހުރި ދަރިފުޅު ކޮއްކޮމެންގެ ޒިންމާ އަމިއްލައަށް އުފުލައި ވީޤުރްބާނީގެ ވާހަކައެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ.
އަޅުގަނޑުމެންގެ ބައްޕަ އާއި މަންމައަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ދިރިއުޅުނީ ވަރަށް ފަޤީރު ޙާލުގައި ނަމަވެސް ދުވަހަކުވެސް ފަޤީރުކަމުން ބޭނުންތައް ނުފުދޭތީ ދުވަހަކުވެސް މަންމަ އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. އަދި އެއްވެސް ކަމެއް ކޮށްނުދެވިގެން ބައްޕަވެސް އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ.
ލައިގެންކާނެ ގަރުދިޔަކޮޅެއް ކައްކައިލާނެ މަސްކޮޅު ގަނެވެން ނެތިގެން މާރުކޭޓުން މަހުގެ ކަށިފޮތި ގެނެސް ގަރުދިޔަފޮދެއް ކައްކައިގެން ކާއިރުވެސް ކާނީ ދެމަފިރިން އެކުގައި ތިބެގެންނެވެ. ދެއްވެވި މިންވަރަށް ޝަކުރުކޮށް އުފާކުރަމުންނެވެ.
ޑެންގޫ ޖެހިފައި ބައްޕަ ނިޔާވިތާ އަހަރެއްވެސް ނުވަނީސް މަންމަވެސް ނިޔާވެއްޖެއެވެ. ހަމަ ކުއްލިއަކަށް މެއަށް ތަދެއް އަރައިފައެވެ. އަޅުގަނޑަށް ބުނެވޭނީ ބައްޕަ ނިޔާވުމުން ކުރަމުންދިއަ ހިތާމައިގައި ކަމަށެވެ.
ކޮންމެއަކަސް އެއިރު އަޅުގަނޑުގެ އުމުރަކީ15 އަހަރު ފުރި 16 ވަނަ އަހަރެވެ. ހަގަށް 13 އަހަރާއި 11 އަހަރުގެ ދެ ކޮއްކޮ ތިއްބެވެ. އެހެންކަމުން އަޅުގަނޑަށް ވާންޖެހުނީ ކޮއްކޮމެންގެ މަންމަ އަށާއި ބައްޕައަށެވެ. އަދި އަޅުގަނޑުގެ ބެލެނިވެރިޔާއަށްވެސް ވާށެވެ.
ފުރަތަމަ ކޮޅު އަވަށްޓެރިން ކާއެތިކޮޅު ދެއެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެހީތެރިކަން ލިބުން މަދުވާން، ކުޑަވާން ފަށައިފިއެވެ. ކަރަންޓްބިލާއި ފެންބިލް ނުދެއްކިގެން މައްސަލަތައް ޖެހެން ފަށައިފިއެވެ. އެހާލަތަށް ދިއުމުން ޤަޞްދުކުރީ ސަލާން ޖެހުމުގެ ބަދަލުގައި ކޮންމެވެސް މަސައްކަތެއް ކުރާށެވެ.
ވަޒީފާއެއް ލިބޭތޯ ނުކުތީމެވެ. "ސޭލްސް ގާލްސް ބޭނުން" ކަމަށް ލިޔެފައި ހުންނަ ފިހާރަތަކަށް ވަންނަމުން ދަނިކޮށް ފިހާރައެއްގެ ކައުންޓަރުގައި އިން އަންހެނަކު ބުނީ އޭނާގެ ބޭބެއަކީ ތަނަވަސް މީހެއް ކަމަށާއި ކުޑަކުދިން ބަލައިދޭނެ އަންހެނަކު ހޯދާކަމަށެވެ. ރަނގަޅު މުސާރައެއްވެސް ދޭނެ ކަމަށެވެ.
އަޅުގަނޑު އެމީހާ އާއި ބައްދަލުކުރީމެވެ. އޭނާގެ ގެހުންނަނީވެސް އަޅުގަނޑުމެންގެ ގެއާއި ވަރަށް ކައިރީގައެވެ. ރަނގަޅު މުސާރައެއް ދިނެވެ. މަހަކު 5000 ރުފިޔާއެވެ. ނަމަވެސް ހެނދުނުން ފެށިގެން ރޭގަނޑު 8،9 ޖަހަންދެން ހުއްޓުމެއް ނެތި މަސައްކަތްކުރަން ޖެހެއެވެ.
ކޮއްކޮމެންގެ ކަންކަން ބަލައިލެވެނީވެސް ވަރަށް ކުޑަ އިރުކޮޅަކަށެވެ. ގެއަށްދެވޭއިރު ހުންނަނީ ވަރުބަލިވެގެން އަވަދިވާވަރުވެފައެވެ. ފެންވަރާތަނުން ނިދިއއައިސް ނިދެއެވެ. އެހެން ގޮތެއް ނެތުމުން ހިތްވަރުކުރީމެވެ. އެގޮތަށް އެގޭގައި 4 އަހަރު މަސައްކަތްކުރިތަނާ އަޅުގަނޑުގެ މެޑަމްގެ ކޮއްކޮ އަޅުގަނޑާއި ކައިވެނިކުރަން އެދިއްޖެއެވެ. އެއީ ކޮންމެހެން އަޅުގަނޑުގެ ރީތިކަމަކުން ނޫނެވެ. އެގޭގައި މަސައްކަތްތަކަށް އަޅުގަނޑު ފަރުވާ ބަހައްޓާވަރު ފެނިގެންނެވެ. އަޅުގަނޑުގެ އުޅުން ކަމުގޮސްގެންނެވެ.
މެޑަމްވެސް އެކަން ކުރަން ފެންނަ ކަމަށް ބުނުމުން އެކަން އަޅުގަނޑު ޤަބޫލުކުރީމެވެ. ކައިވެނި ކުރެވުނެވެ. ކައިވެންޏަށް 7 އަހަރުވެސް ވެއްޖެއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީވެސް އަމިއްލަ މަސައްކަތުން ރަނގަޅު ޢާމްދަނީއެއް ހޯދާ މީހެކެވެ. އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ފުދިގެން އުޅެވޭވަރުގެ ޢާމްދަނީއެއް ހޯދައެވެ.
އަޅުގަނޑަށް ކިޔެވުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް ފިރިމީހާ އަޅުގަނޑުގެ ދެކޮއްކޮއަށް މަތީތައުލީމަށް ކިޔެވުމުގެ ފުރުޞަތުވެސް ހޯދައިދިނެވެ. ޚަރަދުވެސް ކުރިއެވެ. އަދި ބައްޕައެއް ފަދައިން ކުދިންގެ ކަންކަން ބަލަހައްޓައިދިނެވެ. އަދި މިހާރުވެސް އެގެންދަނީ އެކުދިންގެ ބައްޕައެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު އުފުލަމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް އެފަދަ ހެޔޮލަފާ ފިރިއަކު ދެއްވެވީ އަޅުގަނޑުގެ ދެކޮއްކޮ ބަލަންޖެހުނު ދުވަހު އެކަމަށްޓަކައި އަޅުގަނޑު އުފުލި ބުރައިގެ ސަބަބުންނެވެ. ދެވަނަ ސަބަބަކީ ސަލާން ޖަހަން ނުނުކުމެ، ޢިއްފަތްތެރިކަމުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. އެހެންވެ އަޅުގަނޑު ކުރި ބުރަ މަސައްކަތުގައި ބަރަކާތް ލެއްވެވީއެވެ.
މިއަދު ދެކޮއްކޮވެސް އެތިބީ ކިޔަވައިގެން ރަނގަޅުވަޒީފާގައެވެ. ވަޒީފާއަދާކުރަމުންވެސް ފިރިމިހާގެ މަސައްކަތުގައި އެހީތެރިވެދެއެވެ. އެކަމުގެ ސަބަބުން ފިރިމީހާއަށްވެސް އެތައް ގޮތަކުން ފައިދާވެއެވެ. އެއް ކޮއްކޮ އެގެންދަނީ ފިރިމީހާގެ ކުންފުނީގެ މާކެޓިންގ ދާއިރާއިން އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ދެވަނަ ކޮއްކޮ އެގެންދަނީ ހިސާބުތައް ބަލަހައްޓައިދިނުމުގައި އިސް މީހެއްގެ ގޮތުން މަސައްކަތްކުރަމުންނެވެ. އަޅުގަނޑަށް އޮތީ ފިރިމީހާއަށާއި ދަރިންނަށް އަދި ކޮއްކޮމެންނަށް ޚިދުމަތްކުރަން ގޭގައި އިނުމުގެ ވަޒީފާއެވެ.
އަޅުގަނޑޫމެން 3 ބެއިންގެ މެދުގައި މިހާބޮޑު ލޯތްބަކާއި ގާތްކަމެއް އުފެދުނު ސަބަބަކީ މަންމައާއި ބައްޕައެވެ. އެދެމީހުން ދައްކައިދިން ނަމޫނާއެވެ. އަބަދުވެސް ލޯބިން އުޅުނު ކަމެވެ. އަޅުގަނޑުގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.
- މަރްޔަމް ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް