މުސްކުޅިވާނެކަމާ ބަލިވެސްވާނެކަމާ ދަރިންގެ އެހީތެރިކަން ބޭނުންވާނެ ދުވަހެއް އަންނާނެކަމަށް ނުވިސްނާ ދަރިން ނިކަމެތިކުރާ މައިންބަފައިންނަށް މިއީ އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
މުސްކުޅިވާނެކަމާ ބަލިވެސްވާނެކަމާ ދަރިންގެ އެހީތެރިކަން ބޭނުންވާނެ ދުވަހެއް އަންނާނެކަމަށް ނުވިސްނާ ދަރިން ނިކަމެތިކުރާ މައިންބަފައިންނަށް މިއީ އަގުހުރި ފިލާވަޅެއް!

އަލަކަށް ނޫނެވެ. މިއީ އަބަދުވެސް ފާހަގަކުރެވެމުން އަންނަ ކަމެކެވެ. ދަރިން ކަމުގައިވީނަމަވެސް އަދި މައިންބަފައިންކަމުގައިވީނަމަވެސް ދީނީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ބަލަން ޖެހުމާއި ބަލާހިތުން ލޯބިން ބެލުމާއި މިއީ ވަރަށް ތަފާތު ދެކަމެއްކަމެވެ.

މައިންބަފައިންނަށް ދަރިންގެ ލޯތްބާއި އަޅައިލުން ލިބެން ބޭނުންވާ ދުވަހު އެކަން މައިންބަފައިން ބޭނުންވާ ގޮތަށް ޙާޞިލްވާނީ ދަރިންނަށް ލޯތްބާއި އަޅައިލުން ބޭނުންވާ ދުވަހު އެކަން މައިންބަފައިންވެސް ދަނެގެން ކަމެވެ.   

ކަންކަން މިހާރު މެދުވެރިވަމުން އަންނަ ގޮތަށް ބަލާއިރު ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ދީގެން ބަލައި ބޮޑުކުރިނަމަވެސް ބައެއް ދަރިންނަށް މައިންބަފައިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން އޮންނަނީ ނުދެވިފައެވެ. ތަފާތު އެތައް ބައިވަރު ސަބަބުތަކެއް މެދުވެރިވާތީއެވެ. ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ޙާލަތުވެސް ހިމެނެއެވެ.

ނަމަވެސް އެއީ ﷲ ގެ ޙަޟްރަތުގައި ދެއްކޭނެ ޢުޒުރެއް ނޫނެވެ. ދަރިންނަށް އޮތީ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތަން އޮތް އަމުރުފުޅަށެވެ.  

އެހެންކަމަށްވާއިރު ދަރިންނަށް ލޯތްބާއި އަޅައިލުން ދޭންޖެހޭ ދުވަހު ނުދެވިއްޖެނަމަ ދެން ކަންކަން މެދުވެރިވާނެ ގޮތާއިމެދުގައިވެސް ވިސްނައިލުމަކީ ނެތްކަމެއް ނޫނެވެ. ތިރީގައިވާ ވާހަކައަކީ އެގޮތުން ބަލައިފިނަމަ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

ވާހަކަ ވިދާޅުވެލައްވާށެވެ!  

އެދެމަފިރިންނަށް ލިބިފައިވަނީ އެންމެ ދަރިއެކެވެ. އެއީ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން 12 އަހަރުގައި މަންމަ، ބައްޕަގާތުން ވަރިވެ ދަރިފުޅުވެސް ގޮވައިގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ. އެހެން މީހަކާ ކައިވެނިވެސް ކޮށްފިއެވެ.  

އެހިސާބުން ދަރިފުޅަށް ޖެހުނީ ވަރަށް ނިކަމެތި ޙާލަތެކެވެ. ދަރިފުޅު ބަދަލުވީ ގޭގެ "ސާވަންޓް ބޯއި" އަށެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް ނުވެއެވެ. އަބަދު އޮންނަނީ އެއްޗެތި ގޮވުމެވެ. ހަމައެކަނި ދަރިފުޅަކަށް ނޫނެވެ. ކިތަންމެ ކުޑަކަމެއްވީނަމަވެސް އޭނާގެ ބައްޕައަށްވެސް އެއްޗެތި ގޮވައެވެ.

ދުވަސްކޮޅަކުން ދެމަފިރިންނަށް ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުމުން އެ ދަރިފުޅު ބަލަންވެސް ޖެއްސީ ފިރިހެން ދަރިފުޅަށެވެ. ލިބުނީ އަންހެން ދަރިއެކެވެ. އެވަރުންވެސް ނެޕީ ބަދަލުކުރުވަނީވެސް ފިރިހެން ދަރިފުޅު ލައްވައެވެ.  

މިޙާލުގައިވެސް ކުއްޖާ އައީ ކިޔަވަން މަސައްކަތްކުރަމުންނެވެ. ފާސްވިލެއް މަތިކަމުން މެޑިކަލް ޔުނިވަރސިޓިން ޖާގަލިބުނު ދުވަހަކީ ކަންކަމުގެ ޙަޤީޤަތް އެނގުނު ދުވަހެވެ. ދޮންބައްޕަ ބުނީ ޔުނިވަރސިޓީއަށް ނުދެވޭނެކަމަށެވެ. އެއަށްވުރެ ގޭތެރޭގެ މަސައްކަތްކުރުން މާމުހިންމު ކަމަށެވެ.  

އެހިސާބުން ކުއްޖާ ގެއިން ނުކުމެ ރޭލަކަށް އަރައިގެން ބައްޕަގެ އަވަށަށް ގޮސް ބައްޕައާއި ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބައްޕަވެސް ކިޔައިދިނެވެ. "މަންމަ އެމީހާ އާއި ކައިވެނިކުރަން ބޭނުންވެގެން ފިލީއެވެ. ވަރިވެގެންދާނަމަ ދަރިފުޅު ބަހައްޓާފައި ދިއުން އެދި އާދޭސްކުރަމުން ދަނިކޮށެވެ."  

ކޮންމެއަކަސް ބައްޕަގެ ގާތުގައި ހުރެ ޔުނިވަރސިޓީން ކިޔަވައި މޮޅު ޑޮކްޓަރަކަށް ދަރިފުޅުވެއްޖެކަން އެނގުނުއިރު ދޮންބައްޕަ ވަނީ މަންމަ ވަރިކޮށްލައިފައެވެ. އަނބުރާ އަވަށަށް ފޮނުވާލާފައެވެ.  

ލަދުން ހުރުމެ ގޮސް ދަރިފުޅާއި ބައްދަލުކޮށް އެހީއަކަށް އެދުމުން ދަރިފުޅު ބުނީ "ތިއައުޅެނީ ނުބައި އެޑްރެހަކަށް އާދެވިގެން ކަމަށެވެ. އަހަރެންގެ މަންމަ މަރުވިތާ ކިތަންމެ ދުވަހެއް ވެއްޖެކަމަށެވެ." އެހެން ބުނެފައި ދޮރުލެއްޕީއެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައި ވަރަށް އަސަރުކުރި ވާހަކައެކެވެ. ފުރަތަމަ ކަމަކީ މަންމައާއިމެދު ދަރިފުޅު ކަންތައް ކުރި ގޮތެވެ. އެއީ ދެން ތަންކޮޅެއް ބޮޑުވަރެވެ. އެހެންކަމާއިއެކުވެސް ފާހަގަކުރަންޖެހެނީ ތިމާގެ އަމިއްލަ އުފަލަށް ވަރިވެ އެހެން ފިރިހެނަކާއި ކައިވެނިކުރުމަށްފަހު އޭނާގެ ހިތް ރުއްސަން ދަރިންނާއިމެދު ހަމަ މިއުޞޫލުން ކަންކަން ކުރާ މައިން އަޅުގަނޑުމެންގެ ތެރޭގައިވެސް ތިބޭކަމެވެ. ޚުދު އަޅުގަނޑަކީވެސް ހަމަ މިފަދަ ޙާލެއް ޖެހުނު އަންހެނެކެވެ.  

އެޙާލަތުން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން އުމުރުން ކިރިޔާ 18 އަހަރުފުރުނުތަނުން މަޖުބޫރުވީ ކައިވެނިކުރާށެވެ. މަތީ ތައުލީމުން މަޙްރޫމްވާށެވެ. އަޅުގަނޑަށް ޖެހުނު ޙާލުގައި ޖެހިފައި ތިބި ކިތައް ސަތޭކަ ދަރިން ރާއްޖޭގައި އެބަތިބިބާވައެވެ؟  

ގޯސް މައިން ތިބި ނަމަވެސް ގިނައީ ދަރިންނާއި އަޅާނުލާ ބައްޕައިންނެވެ. އެމީހުންގެ އުފަލަށް ކައިވެނިރޫޅާލާފައި ދެމެދުގައި ތާށިކުރަނީ ދަރިންނެވެ. ހާލުގައި ޖައްސައި ނިކަމެތިކުރުވަނީ ދަރިންނެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް މިވަގުތަކު ނެތީމެވެ.

 

- ޞޯބިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން