އެއީ އަމިއްލަ މަސައްކަތުން ދިރިއުޅޭ ތަނަވަސް ޒުވާނެކެވެ. ޢުމުރުން 25 އަހަރުގަ މަންމަ އާއި ބައްޕަވެސް ކުއްލި ގޮތަކަށް ނިޔާވީއެވެ. ފުރަތަމަ ބައްޕައެވެ. ކުޑަދުވަސްކޮޅެއްފަހުން މަންމައެވެ. ބޮޑަށް ޤަބޫލުކުރެވެނީ ފިރިމީހާ ނިޔާވުމުން ކުރި ހިތމައިގެ ސަބަބުން ކަމަށެވެ.
އެހިސާބުން އެކަނި ގޭގައި އުޅެންޖެހުމުން އެއް ޢުމުރުގެ ދުރުތާ ތިމާގެ ދެބައިން ގެނެސް ގޭގައި ގެންގުޅެން ފެށިއެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ދެބައިންގެ މައިންބަފައިންނަކީ ނިކަމެތިންކަމަށްވުމުން ވަޒީފާއެއްދިނީއެވެ. ގޭގެ ކަންކަން ބަލަހައްޓައި އޭނާއަށް ބޭނުންވާ ކަންކަން ކޮށްދޭތީ ދެބެއިންނަށްވެސް ރަނގަޅު މުސާރައެއް ދެއެވެ. އަދި ދެބެއިންގެ މައިންބަފައިންނަށްވެސް ހެޔޮކޮށްހިތައެވެ. އެކަމުގެ ޘަވާބު އޭނާގެ މައިންބަފައިންނަށް ދެއްވެވުން އެދިގެންނެވެ.
ދުވަސްކޮޅެއްފަހުން ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ނިންމައި ދޭތެރެ ދޭތެރެއިން ގެއަށް ގެންނަންފެށިއެވެ. އޭނާގެ ގާތުގައި އެދެބެއިންނާއިބެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންވެ ލޯބިވެރިޔާއަށް ހީވެފައި އޮތީ އެއީ ވަރަށް ދަށުދަރަޖައިގެ ނޯކަރުން ކަމަށެވެ.
ލޯބިވެރިޔާ ހަވީރު ގެއަށް އައިދުވަހެކެވެ. އެއިރު އަންހެންކުއްޖާއާއި ޒުވާނާއާއި ދެމީހުން ތިބީ ސިޓިންރޫމްގައި ސައިބޯށެވެ. އެތަން ފެނުމުން ލޯބިވެރިޔާއަށް ކަމަކު ނުދިއައެވެ. ފުރަތަމަވެސް އެކުއްޖާއަށް އަމުރުކުރީ ސައިބޯން ބަދިގެއަށް ދިއުމަށެވެ. ލޯބިވެރިޔާ ބުނީ އެގޭގައި އުޅޭ ކޮންމެ މީހަކީވެސް އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި އަޅުން ނުގެންގުޅޭކަމަށެވެ.
އެޖަވާބު ލޯބިވެރިޔާއަކަށް ކަމަކު ނުދިއައެވެ. ދެމީހުން އުޅެނީ ލޯބިވެގެންކަމަށާއި ފާޙިޝް ޢަމަލުތައްކުރާކަމަށްވެސް ބުނެފިއެވެ. ދެންވެސް ހިތަށް އެރިހާ އެއްޗެއް ކިޔައި ނިންމައިލުމުން ޒުވާނާ ބުންޏެވެ. "ފުދިއްޖެއެވެ. އިންސާނުންނާއިމެދު ދެކޭ ގޮތްވެސް އެނގުނީއެވެ. ނިކަމެތިންނަކީ ތިބާގެ ކުރިމަތީގައި އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. ތިއައީ އަހުރެން އެއްގޮތަކަށްވެސް ޤަބޫލުކުރާ ކަންކަމެއް ނޫނެވެ. އަހުރެންގެ ކުރިމަތީގައި އެންމެންވެސް ހަމަހަމައެވެ. ވީމާ އަހުރެން ތިބާގެ ދަރަޖައަށް ވެއްޓޭކަށް ނެތީމެވެ. އަވަހަށް އެނބުރިދާށެވެ. އަހުރެންނާއި ގުޅަން މަސައްކަތްނުކުރާށެވެ!"
ލޯބިވެރިޔާ ބުނީ އެގޮތަށް ވާހަކަދެއްކުނީ ލޯބިވާވަރުން ކަމަށެވެ. އަދި އެކަމަށް މާފަށް އެދޭކަމަށެވެ. ޒުވާނާ ބުނީ ލޯބިވުމަކީ ތިއަކިޔައިލި ފަދަ އެއްޗެތި ކިޔަން އޮތް ސަބަބެއް ނޫންކަމަށެވެ. ތިއަކަމުން އެނގުނީ ތިބާގެ ދޫނުބައިކަމެވެ. ރިވެތި އަޚްލާޤުގެ ކުނޑިފަށެއްވެސް ނެތްކަމެވެ. ވީމާ ދެން މިހިސާބުން ދެމީހުންގެ މެދުގައި އޮތް ގުޅުން ނިމުނީ ކަމަށެވެ.
އެދުވަހަށް ފަހު ކޮންމެ ނަމާދަކަށްފަހު އެނިކަމެތި އަންހެންކުއްޖާ ދުޢާކުރަންފެށިއެވެ. ޞާޙިބު ޒުވާނާގެ ހިތުގައި އޭނާގެ މައްޗަށް ލޯބިލައްވަވައިދެއްވެވުން އެދިގެންނެވެ. ޒުވާނާގެ ކައިވެންޏަށް އެދިގެންނެވެ. ނަމަވެސް އެކަން ޒުވާނާއަކަށް ނުއަންގައެވެ.
މަހެއްހައިދުވަސްފަހެވެ. ޒުވާނާ އެދިގެން އޭނާގެ މަންމައާއި ބައްޕަ ގެއަށް ގެނުވިއެވެ. އެންމެން އެކުގައި ތިބެގެން ބުނީ އެކަނި ހުންނަން އުނދަގޫކަމަށާއި ޝިފާއާއި މަންމަ އާއި ބައްޕަ ރުހިޤަބޫލުނަމަ ޝިފާއާއި ކައިވެނިކުރަން ބޭނުންކަމަށެވެ. ނުރުހޭނަމަވެސް ޝިފާމެން ދެބެއިންނަށް ގޭގައި ތިބެވޭނެކަމަށެވެ. "ތިންބަފައިން ރަނގަޅަށް ވިސްނައިލާ! މިރޭ ކައިނިމިގެން ޖަވާބެއް ދިނަސް އެންމެ ރަނގަޅު" ކަމަށް ބުނުމުން ޝިފާ ބުނީ އޭނާ ހުރީ އެކަމަށް އެދިގެންކަމަށާއި މަންމައާއި ބައްޕަ އެކަމަށް ހުރަސްނުއަޅާނެ ކަމަށް އުންމީދުކުރާކަމަށެވެ. މަންމައާއި ބައްޕަވެސް ވަޤުތުން ރުހުންދިނެވެ.
ކައިވެނި ލަހެއްވެސް ނުކުރެއެވެ. ދެވަނަރޭ ކައިވެނިކުރީއެވެ. އެކައިވެންޏަށް މިހާރު 13 އަހަރެވެ. 5 ދަރިން ލިބިއްޖެއެވެ. އަދިވެސް ދިރިއުޅެމުން އެއަންނަނީ ވަރަށް ލޯބިންނެވެ.
މިއީ އަޅުގަނޑުގެ އެކުވެރި ޝިފާގެ ވާހަކައެވެ. އަޅުގަނޑު ފާހަގަކުރަން ބޭނުން ކަންކަން ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައިވެސް ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ ލޯބިވުމުން މަގުގެއްލުވާނުލައި ﷲ އަށް ދުޢާކުރުމެވެ. ތިންވަނަ ކަމަކީ ދޮގުއިލްޒާމްތައް ނުއެޅުވުމާއި އަޅުވައިނުކިޔުމެވެ. ޝިފާބުނީ ފިރިމީހާގެ ލޯބިވެރިޔާ ގެއަށް އައިސް ދޮގުއިލްޒާމްތައް އަޅުވައި އަދި އެދެމީހުންގެ މެދުގައި ގުޅުން އަންނަކަމަށް އޭނާ ބުނުމުގެ ކުރިން އެއީ ވިސްނިވެސް ކަމެއް ނޫންކަމަށެވެ.
- ޒަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-