ޚުޠުބާ: މަރުވާނެ ދުވަހަށް ތައްޔާރުވެ ތިބެން ޙަދީޘްފުޅުކުރެއްވެވީ ބިންގަނޑު ތެމެންދެން ކަރުނަފޮދު އޮއްސެވުމަށްފަހު! އަހުރެމެންނަށް އެބަ ސަމާލުވެވޭތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 29ސ
ޚުޠުބާ: މަރުވާނެ ދުވަހަށް ތައްޔާރުވެ ތިބެން ޙަދީޘްފުޅުކުރެއްވެވީ ބިންގަނޑު ތެމެންދެން ކަރުނަފޮދު އޮއްސެވުމަށްފަހު! އަހުރެމެންނަށް އެބަ ސަމާލުވެވޭތަ؟

މާތް اللهގެ އަޅުތަކުންނޭވެ! މަރަކީ ކޮންމެ އިންސާނަކާ ވެސް ކުރިމަލާންޖެހޭނޭ ޙަޤީޤަތެކެވެ.

މި ޙަޤީޤަތާ މެދު އެއްވެސް މީހަކު ޚިޔާލުތަފާތުވެފައެއް ނުވެއެވެ. އެހެންވެ، މަރަށް الله سبحانه وتعالى ނަންދެއްވައިފައިވަނީ ޔަޤީނުގެ ނަމުންނެވެ.މާތް الله ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!"

މުސްލިމް އަޚުންނޭވެ! މަރަކީ ދިރިއުޅުމުގެ ޙަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ޙަޤީޤަތެވެ.  މި ޙަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން  ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއްނޫނެވެ. 

މުސްލިމް އަޚުންނޭވެ! އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތެވެ. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތެވެ. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތެވެ. ތިމާގެމީހުން ތިބާއަށް ޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތެވެ. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތެވެ. ޞިއްޙީ އެންމެހައި ވަސީލަތްތައް މެދުވެރިކޮށް ތިބާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރެވެމުންދާ ވަގުތެވެ.  ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަ ހުށްޓެވެ. އެއީ ތިބާ އެޔަށް ފިލާން އުޅޭ ކަމުގައިވީ މަރެވެ." 

މާތް الله ގެ އަޅުތަކުންނޭވެ! މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެކެވެ. މަރާ ދޭތެރޭގައި އަހަރެމެން ވިސްނައި މަރު މަތީން ހަނދާންކުރުމަށް އިރުޝާދުދެއްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (أَكْثِرُوْا ذِكْرَ هَادِمِ اللَّذَّاتِ)[1] މާނައީ: "ލައްޒަތްތަކުން މަޙުރޫމުކުރުވާ، މަރުގެ މަތީން ތިޔަބައިމީހުން ހަނދުމަކުރާށެވެ!" މާތް الله ވަޙީކުރައްވައިފައި ވެއެވެ.   ---- މާނައީ: "އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ދެމިވޮޑިގެންވެއެވެ."

މުސްލިމް އަޚުންނޭވެ! اَلْبَرَاءُ بْنُ عَازِب رَضِيَ الله عَنْهُ ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންބޭކަލުން ރަސޫލުالله ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަރިހުގައި ތިއްބަވަނިކޮށް، ދުރުން ބަޔަކު ފެނިވަޑައިގެން އެ މީހުން އެއްވެފައިވަނީ ކީއްވެގެންތޯ އެ ކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެ ކަލޭގެފާނަށް ދެންނެވުނެވެ. ބޭކަލަކު އަވަހާރަވެގެން އެ ބެކޭލަކު ފަސްދާނުލުމުގެ ކަންތައް ކުރިއަށްދަނީއެވެ. އެ ހިނދު ކުއްލިއަކަށް ރަސޫލުالله ޞައްލަﷲ ޢަލައިހިވަސައްލަމަ  ތެދުވެވަޑައިގެން، އަވަސްފިޔަވަޅުފުޅު މަތީ ހިންގަވައިފައި، ކޮނެފައިވާ ކަށްވަޅުގެ ކައިރިއަށް ވަޑައިގެން އިށީނދެވަޑައިގަތެވެ. ދެން އެ ކަލޭގެފާނު ކުރައްވަނީ ކޮންކަމެއްތޯ ބެއްލެވުމަށް ޓަކައި، ތިމަންކަލޭގެފާނު އެ ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ވަޑައިގަތީމެވެ. އެ ވަގުތު ފަސްގަނޑު ތެމިއްޖައުމަށްދާންދެން ކީރިތިކުރެއްވިއެވެ. އެއަށް ފަހު ތިމަންމެންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. "އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ދުވަހަކަށް ތިޔަބައިމީހުން ވެސް ތައްޔާރުވާށެވެ!" [2] 

މާތް اللهގެ އަޅުތަކުންނޭވެ! މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވެއެވެ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބެއެވެ. މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަހޯދައިގެންނެވެ. އެކަމަކު مَلَكُ الْمَوْت عَلَيْهِ السَّلَام އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތިއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ."  މާތް اللهގެ އަމުރުފުޅު އައުމުން ވަގުތުން އެ މީހެއްގެ މަރުހިއްޕަވާނެތެވެ. މީހާގެ ޢުމުރަކަށް، ބަލިޙާލަތަކަށް، މީހާގެ މުއްސަނދިކަމާއި ފަޤީރުކަމަކަށް، މާތްކަމާއި މަތިވެރިކަމަކަށް ނުބައްލަވާނެތެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "الله އެ ބޭކަލުންނަށް ކުރައްވާ އަމުރަކަށް އެ ބޭކަލުން ނުއުރެދޭނެތެވެ. އަދި އެކަލާނގެ އެ ބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެ ބޭކަލުން ކުރައްވާނެތެވެ."

ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މަރު އަޅަމެންނާ ބައްދަލުކުރުމުގެ ކުރީން އެ މަރަށް ތައްޔާރުވެފައިވާ ބަޔަކުކަމުގައި އަޅަމެންލައްވާނދޭވެ! އަދި އަޅަމެންގެ މަރުމަތި އަމާންކުރައްވައި ހެޔޮ ނިމުމެއް އަޅަމެންނަށް މިންވަރުކުރައްވާނދޭވެ!  

އެއަށް ފަހު ދަންނާށެވެ! މާތް اللهގެ އަޅުތަކުންނޭވެ! އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔައެންމެތަކުންނަށް މާތް اللهއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރަމެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللهއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ތަޤުވާވެރިވާށެވެ! އަދި މުސްލިމުންކަމުގައިވާ ޙާލުގައި މެނުވީ ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!"

މުސްލިމް އަޚުންނޭވެ! މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވާށެވެ! ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރާށެވެ! މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެ ކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ."                                             

[2] أخرجه أبو داود (4753)، وابن ماجه (4195)، وأحمد (18601) واللفظ له، وحسنه شيخ الألباني في سلسلة الأحاديث الصحيحة، (مكتبة المعارف للنشر والتوزيع-

މިއަދު އޮންލައިން