ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚީ ކާމިޔާބީތަކެއް ހޯދައިފިއެވެ.

މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށް ގެންދިޔަ މި ޚާއްޞަ މަސައްކަތުގެ ތެރެއިން، މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ވަނީ ކާމިޔާބުކަމާއެކު ފަށާފައެވެ.

މި ޚިދުމަތާއެކު، ހިތުގެ މައްސަލަތަކަށް ބޭނުންވާ އިތުރު މުހިންމު ފަރުވާތައް ވެސް ވަނީ އައްޑޫގައި ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހިތުގެ ވިންދު ރަނގަޅު ކުރުމަށް ބޭނުންކުރާ "އައި.ސީ.ޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތް ހިމެނެއެވެ. މިއީ އަތޮޅުތެރޭގެ ސިއްޙީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ދަތުރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ޖުމްލަ 11 އެންޖިއޯގްރާމާއި 6 އެންޖިއޯޕްލާސްޓީ ވަނީ ހަދާފައެވެ. މި ފަރުވާތަކަކީ ހިތުގެ ބަލިތައް ތަހުލީލުކޮށް، ފުރާނަ ސަލާމަތް ކުރުމަށް ދެވޭ އެންމެ މުހިންމު ފަރުވާތަކެވެ.

މާލެއިން ބޭރުގައި މިފަދަ ފެންވަރުގަދަ ޚިދުމަތްތަކެއް ފެށުމަކީ، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ބަލިމީހުންނަށް އަވަސް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އޭއީއެޗް އިން އަންނަނީ ރާއްޖޭގެ ދެކުނުގެ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން