ދުނިޔޭގެ ފެންވަރުގެ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ސަމިޓެއް ރާއްޖޭގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދުނިޔޭގެ ފެންވަރުގެ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ސަމިޓެއް ރާއްޖޭގައި ބާއްވަނީ

ދުނިޔޭގެ ފެންވަރުގެ އުފެއްދުންތެރިންނާއި، ފަންނުވެރިން އަދި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ބޮޑު ސަމިޓެއް ރާއްޖޭގައި ބޭއްވުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ސަމިޓް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 އިން 25 ގެ ނިޔަލަށެވެ.

"ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް" ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި، އީޖާދީ ގޮތެއްގައި ދުނިޔެއަށް ރާއްޖެ ދައްކާލުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކްއެވެ.

މި ސަމިޓާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް އިން ބުނީ، "މިއީ ކްރިއޭޓަރުންގެ ވާހަކަތަކާއި، އީޖާދީ އުފެއްދުންތެރިކަމުގެ ޒަރީއާއިން ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ މަންސައެއް ރާއްޖޭގައި ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ކަމަށެވެ. މި ހަރަކާތުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.

މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓްތައް ކަމަށްވާ އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ގައުމުތަކުގެ ނުފޫޒުގަދަ ކޮންޓެންޓް ކްރިއޭޓަރުން ހިމެނެއެވެ.

މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޑިޖިޓަލް މާކެޓިންގްގެ ދާއިރާއިން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސް އިން ސިފަކުރެއެވެ. ސަމިޓުގެ ތެރެއިން ބާއްވާ އެވޯޑްސް ހަފްލާއަކީ ދާއިރާގެ ފަންނުވެރިންގެ އަގުވަޒަންކުރުމަށް ބޭއްވޭ މުހިންމު ހަރަކާތަކަށް ވެގެންދާނެއެވެ.

މިއަދު އޮންލައިން