ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ހއ. އުތީމުގައި އެ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވުމަށް އުތީމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސެންޓަރު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދެވެ.
އުތީމުގައި ހުޅުވި މި އައުޓްރީޗް ސެންޓަރާ ގުޅޭގޮތުން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ވިދާޅުވީ، މި ސެންޓަރުގައި އެ މަރުކަޒުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ޚާއްސަ ޕްރޮގްރާމަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ކުލާސްތައް ކަމަށް އެ މަރުކަޒުން ފާހަގަކުރެއްވިއެވެ.
މި ސެންޓަރުގައި ހިންގާ ޙިފްޒު ކުލާސްތަކުގައި އުމުރުން 7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން، ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ލެވެލް 4 އާ ހަމައަށް މި ސެންޓަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ވިދާޅުވި ގޮތުގައި، މިހާރު ވަނީ މި ސެންޓަރުގެ ޙިފްޒު ކުލާސްތަކަށް ދަރިވަރުން ނެގުމަށް އިޢުލާންކޮށްފައެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން މަރުކަޒުގެ ކޯސްތަކަށް އެޕްލައިކުރާ ޚާއްސަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި، އެޕްލައިކުރާ ބައިވެރިންނާ އިންޓަވިއުކޮށް، އެ ފަރާތްތަކަށް ޤުރްއާން ކިޔަވަން އެނގޭ މިންވަރު ވަޒަންކުރާނެ ކަމަށްވެސް އެ މަރުކަޒުން ވިދާޅުވިއެވެ. މި އައުޓްރީޗް ސެންޓަރާއެކު އުތީމާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ދީނީ އިލްމާއި ޤުރްއާން އުނގެނުމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެއެވެ.