ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މި ސަރުކާރުން އިއްޔެ ދައްކައި ނިންމާފައިވާ ކަމަށާއި، މިއީ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ކުރެވުނު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާދަމާ އޮންނަ އިންތިޚާބަށް ތައްޔާރުވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މި ހިނގާލުން ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ގައުމުގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު ގޮތް ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.
ނާޒުކު ފައްތަރެއްގައި އިގްތިސާދު އޮއްވައި، އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް މިހާހިސާބަށް ކަންކަން މެނޭޖުކުރެއްވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. "މިދިޔަ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏަކީ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ނެގި ދަރަންޏެއް،" ރައީސް ވިދާޅުވިއެވެ. ނަމަވެސް، މި ސަރުކާރުން އެ ސުކޫކު އަނބުރާ ދެއްކީ ރައްޔިތުންނަށް ލިބޭ އެއްވެސް އިނާޔަތެއް އުނިނުކޮށް، ފައިސާ ޗާޕުނުކޮށް އަދި ގައުމުގެ ރިޒާވް ރެކޯޑް އަދަދެއްގައި ބަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބޮޑު ދަރަނި އަދާކުރުމާ ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުންގެ ފަރާތުން ވެސް ވަނީ ސަރުކާރަށް ތައުރީފު ލިބިފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިތުރު ދަރަންޏެއް ނުނަންގަވައި ސުކޫކުގެ 500 މިލިއަން ޑޮލަރު އަދާކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
މި ސުކޫކު ދައްކައި ނިންމުމަކީ ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަގުވާމީ މައިދާނުގައި ދެމެހެއްޓުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.