އިންތިހާބު ކުރިއަށްދަނީ މިނިވަންކަމާ އިންޞާފުވެރިކަމާއެކުކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ވާނީ ކޮށްފަ: އީސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އިންތިހާބު ކުރިއަށްދަނީ މިނިވަންކަމާ އިންޞާފުވެރިކަމާއެކުކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ވާނީ ކޮށްފަ: އީސީ

މާދަމާ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކީ މިނިވަން އަދި އިންޞާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު ވިދާޅުވީ، ވޯޓުލުމުގެ ކަންތައްތައް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާ މަސައްކަތެއް ނިމެންދެން އެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވޯޓުލުމުގެ އެންމެހައި ކަންތައްތައް އިންޞާފުވެރިކަމާއި، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާ، ސަރުކާރުގެ ވުޒާރާތަކާ، ސިޔާސީ ޕާޓީތަކުންނާ، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާ، ޢާންމު ރައްޔިތުން މިހާތަނަށް ދެއްވާފައިވާ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ޒާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، އިންތިހާބުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ލަސްވެގެން 10 މިނެޓު ތެރޭގައި ހައްލުކޮށް، ވޯޓުލުމުގެ ކަންކަން މެދުނުކެނޑި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަންވެސް ކޮމިޝަންގެ ރައީސް ވަނީ ދެއްވާފައެވެ.

މާދަމާ ބާއްވާ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ ދެލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ. މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

މިއަދު އޮންލައިން