އަހުރެމެންގެ ތިބެނީ 2 ބެއިންނެވެ. ދައްތަގެ ފިރިމީހާއަކީ ފެންނަ ފެނުމުގައި ރަނގަޅު މީހެކެވެ. ތަނަވަސްކަންވެސް ހުރި މީހެކެވެ. ނަމަވެސް އޭނާ އަޅުގަނޑަށް ކަޅިއަޅާތީ ހުންނަންޖެހެނީ ކަންބޮޑުވެގެންނެވެ.
އެއްރޭ އެކުވެރިންކޮޅަކާއިއެކު ދައްތަ ބޭރަށް ދިއަތަނާ ޅިޔަނު އަޅުގަނޑުގެ ކޮޓަރީގައި ޓަކިޖެހުމުން ހުޅުވިއިރަށް އެތެރެއަސްވަދެ ދޮރު ލައްޕާފައި ބުނީ އެންމެ ފަހަރަކު އޭނާއާއިއެކު ގުޅުން ހިންގައިފިނަމަ ހުޅުމާލޭގައި ހުންނަ އޭނާގެ ދެފުލެޓުން އެއްފްލެޓް ދޭނެ ކަމަށެވެ.
އަޅުގަނޑު ވިސްނައިލީމެވެ. މީހަކު 10 މިލިއަން ރުފިޔާއަށް ގަނެފައިހުރިކަމަށް ބުނާ ފްލެޓެއް އެހާފަސޭހައިން ދޭންވީ ކީއްކުރަން ހެއްޔެވެ؟ އަހުރެންނަކީ ދުނިޔޭގައި ހުރި އެންމެ ރީތި އަންހެނާ ހެއްޔެވެ؟ އަދި ދިނަސް ނުދިނަސް އޭނާއަކަށް ނުހެއްލޭނަމެވެ. ދައްތަ މާމުހިންމެވެ.
ވިސްނާލުމަށްފަހު އަޅުގަނޑު ބުނީ ދުނިޔެ އެކުގައި ދިނަސް ދައްތަގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާނެ ކަމަށެވެ. އެބާވަތުގެ ކަމެއް ކޮށްފިނަމަ މަންމައަށް ކައްވަޅުގައިވެސް ނުއޮވެވޭނެ ކަމަށެވެ. އަދި ރީތިގޮތުގައި އަވަހަށް ކޮޓަރިން ނުކުތުމަށެވެ.
މާރަނގަޅު ކަމަސް ހެދިގެން އުޅުނު މީހާ ދެން މަސައްކަތްކުރީ ބަދަލުހިފާށެވެ. ދައްތަގެ ގާތުގައި އަޅުގަނޑު ބުނެފާނެތީ އަވަސްއަވަހަށް ދައްތަގެ ގާތުގައި ވާހަކަ ދެއްކީ އަޅުގަނޑު އޭނާއާއި އަޅައިގަނެގެން އުޅޭކަމަށް ހަދައިގެންނެވެ. ދައްތަ ބަހެއް ނުބުނެއެވެ. އެކަމަކު ޢަމަލުން ދުރުވާން ފެށުމުން ކެތް ނުކުރެވިގެން އެއްރޭ 3 މީހުން އެކުގައި ކާންތިބެފައި އެރޭ ޅިޔަނު ކަންތައްކުރި ގޮތް ކިޔައިދިނީމެވެ. އޭނާ ވަޤުތުން އިންކާރުކޮށް ހެދީ ދޮގެވެ. އެޅުވީ އަޅުގަނޑުގެ ބޮލުގައެވެ.
އެރޭގެ ވީޑިއޯކޮޅު ދައްތަގެ ފޯނަށް ފޮނުވާފައި ބަލާލަން ބުނީމެވެ. ދައްތަ އެވީޑިއޯކޮޅު ޅިޔަނަށް ދެއްކުމުން ބުނީ އެއީ ހަދާފައި އޮތް ވީޑިއޯއެއް ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނީ އެހެންވީމާ މާދަމާ ވީޑިއޯގެ ޞައްޙަކަން ބަލަން ފުލުހުންނަށް ހުށަހަޅާނެކަމަށެވެ. މައިތިރިވީ އެހިސާބުންނެވެ.
ދައްތަ ނިންމީ ވަރިވުމަށެވެ. އެހެންވެ ހަމަ އެރޭ ދެބައިން ބައްޕަގެ ގެއަށް ބަދަލުވީއެވެ. ވަރިވެ ދައްތަ ދެވަނަ ކައިވެނިކުރިފަހުން އަޅުގަނޑުވެސް ކައިވެނިކުރީމެވެ. އަޅުގަނޑަށް ލިބުނީ ޢިމާރާތްކޮށް ފްލެޓް ވިއްކައި ކުއްޔަށްދޭ މީހަކާއެވެ. އެހެންވީމާ ދައްތަގެ ޙައްޤުގައި ދޫކޮށްލި ފްލެޓުގެ ބަދަލުގައި އެތައް ބައިވަރު ފްލެޓެއް މިވަނީ ލިބިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ ކުރިންވެސް ބުނި ގޮތަށެވެ. ދުނިޔެ އެއްކޮޅަށް ލައިދިނަސް ރަޙިމުގެ ގުޅުން ކެނޑޭނެ ކަމެއް ނުކުރާށެވެ. އެއިގެ ބަދަލު ﷲ ދެއްވަވާނީ މާފުރިހަމައަށެވެ. އިން ޝާ ﷲ
- ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ