ދައްތަ އަލަތު ކައިވެނިކުރިރޭ ހޭނެތި ހޮސްޕިޓަލުގަ އޮއްވާ ދައްތަގެ ފިރިމީހާއާއެކު ހަނީމޫނަށް ދިއަ ކޮއްކައަށް ޖެހުނު ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ދައްތަ އަލަތު ކައިވެނިކުރިރޭ ހޭނެތި ހޮސްޕިޓަލުގަ އޮއްވާ ދައްތަގެ ފިރިމީހާއާއެކު ހަނީމޫނަށް ދިއަ ކޮއްކައަށް ޖެހުނު ޙާލުގެ ވާހަކަ-

މިހާރަކަށް އައިސް ފެނުން ގިނަވަމުން މިދަނީ މީގެކުރިން ޙާލަކުން ފަހަރަކު ނޫނީ ނުފެންނަ ކަންކަމެވެ. ދިރިއުޅުން ކުރިއަރަނީތޯ މިދަނީ ފަހަތަށްތޯ ނިންމުމަކީ އެމީހެއްގެ ކަމެކެވެ. ހަމަ ޤައިމުވެސް ޢިބްރަތަކަށް ފުދޭނެވަރުގެ އެތައް ކަމެއް މިދަނީ ހިނގަމުންނެވެ. ދުރުގައި އެކަންޏެއް ނޫނެވެ. އަމިއްލަ ޢާއިލާގެތެރޭގައިވެސްމެއެވެ.  

ބޭވަފާތެރިވުމުގެ ވާހަކަ ދެކެވޭ އިރަށް ކޮންމެ މީހެއްގެވެސް ހިތަށް ވަންނާނީ ދެމަފިރިންގެ ވާހަކައެވެ. ބޭވަފާތެރިވުމުގެ މާނަ އެވަރަކުން އަދި ނުނިމެއެވެ. އަޚުންނާއި އުޚުތުންވެސް، އެކުވެރިންވެސް އަދި ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ވަފާތެރިވާންޖެހެއެވެ. ވަފާތެރިކަމުގެ އިދިކޮޅަކީ ބޭވަފާތެރިކަމެވެ. ޚިޔާނާތްތެރިކަމެވެ.  

ތިރީގައި އެވަނީ ކައިވެނިކުރެވުނު މީހާ އޭނާގެ އަނބިމީހާއަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮ އޭނާގެ ދައްތަށް ޚިޔާނާތްތެރިވީ ގޮތުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ދައްތައަށް ލިބުނު ކުރިއެރުމާއި ކޮއްކޮއަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކައެވެ.  

ވާހަކަވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!

އަހަރެމެންގެ މައިންބަފައިންނަށް ލިބުނީ ދެ އަންހެންދަރިންނެވެ. އަހަރެމެން ބޮޑުވިތަނާ އެދެމަފިރިން ދުނިޔެ ދޫކޮށް ﷲ ގެ ޙަޟްރަތަށް ދާންޖެހިއްޖެއެވެ. އެއީ އިރާދަކުރެއްވެވިގޮތެވެ.  ދެން ގޭގައި އުޅުނީ ދެބެއިންނެވެ. ދެމީހުންވެސް ގުޅިގެން އުޅޭ މީހުން ގެއަށް ގެންނަނީއެވެ. ބޭރަށް ގޮހެއް ނުއުޅެމެވެ. އެހެންވެ ދެމީހުންގެ ލޯބިވެރިންވެސް އަނެކަކާއި އެކުވެރިކަމުގެ ގުޅުން އޮވެއެވެ.  

ފުރަތަމަ ކައިވެނިކުރީ އަހަރެންނެވެ. ކައިވެނީގެ ހަފްލާ ނިމުނުތަނާ މޭމައްޗަށް ތަދެއް އަރައި ހޭނެތިއްޖެއެވެ. ހޭއެރިއިރު ކައިރީގައި ހުރި ޑޮކްޓަރު އެކަންޏެވެ. ޑޮކްޓަރު ބުނީ އެއް އުރަމަތީގައި ވަރަށް ނުރައްކައުތެރި ގަނޑެއް އެބައިން ކަމަށާއި ވީހާއަވަހަކަށް ގަނޑު ނަގަންޖެހޭނެ ކަމަށެވެ.  

ފިރިމީހާއަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ. ކޮއްކޮއަށް ގުޅިއިރު ޢޭނާގެ ފޯނުވެސް އޮތީ ނިއްވާލާފައެވެ. އަނެއްދުވަހުވެސް ގުޅޭނެ ގޮތެއް ނުވިއެވެ. ޑޮކްޓަރު ބޭނުންވަނީ އޮޕަރޭޝަންކޮށް ގަނޑުނަގާފައި ގެއަށް ފޮނުވާށެވެ! އެހެންވެ އެކަނި އޮތްނަމަވެސް އޮޕަރޭޝަންކުރަން ބުނީމެވެ. އަދި ފައިސާވެސް ދައްކައި އޮޕަރޭޝަނުގެ ކަންކަން ކުރިއަށް ގެންދަން ބުނީމެވެ.  

އޮޕަރޭޝަންކުރިފަހުންވެސް 2 ދުވަހެއްވަންދެން މަސައްކަތްކުރުމުންވެސް އެކަކާއިވެސް ނުގުޅުމުން ކަންކަން ވެގެން އުޅޭގޮތް ހިތަށް ގެނެވުނެވެ. އެހިސާބުން އިތުރަކަށް ނުގުޅަމެވެ. ގެއަށް ދިއުމުން ފިރިމީހާ ފުރަތަމަވެސް ކުރި ސުވާލަކީ މިހާއަވަހަށް ދޫކޮށްލީ ހެއްޔެވެ؟ އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. ދެން ފިރިމީހާ ބުނީ އެރޭ ހަނީމޫނަށް ދާން ޓިކެޓް ނަގައި ދަތުރަށް ބޮޑު ޚަރަދެއް ކުރެވިފައި އޮތުމުން ކޮއްކޮ ގޮވައިގެން ހަނީމޫނަށް ގޮސްލީ ކަމަށާއި އެނބުރި އައީ ރޭ ކަމަށެވެ. ދުރުގައި ތިބި ނަމަވެސް ޑޮކްޓަރަށް ގުޅައި ޙާލުބެލި ކަމަށެވެ.  

އަހަރެން އެދުނީ އެންމެ ކަމަކަށެވެ. އެއީ ކައިވެންޏަކީ ނުކުރާ ކައިވެންޏަކަށް ހަދައި ކައިވެނި ބާޠިލްކޮށްދިނުމަށެވެ. އެއިރު އުޅެމުންދިއައީ ބައްޕަގެ ގޭގައެވެ. އެކަންކޮށްދިނުމުން އެގެއިން ނުކުމެ މަންމަގެ ގެއަށް ބަދަލުވީއެވެ.  

ބަލީގެ ގޮތުން މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކަން ޖެހޭތީ ކޮންމެ މަހަކުވެސް ޑޮކްޓަރަށް ދައްކަމެވެ. ދުވަސްކޮޅެއްފަހުން ޑޮކްޓަރު އަޅުގަނޑަށް ލޯބި ހުށަހަޅައި ކައިވެނިކުރަން އެދުނެވެ. ބަލީގެ ސަބަބުންނާއިއެކު އަވަސްއަވަހަށް އެފުރުޞަތު ޤަބޫލުކޮށް ކައިވެނިކުރީމެވެ.  

ފިރިމީހާ ބޭނުންވީ ދެބެއިންނަށް ދެގެ ރަޖިސްޓްރީކޮށް މުދައު ބެހުމަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އެކަންވެސް ކުރީމެވެ. ދެމީހުން ވަރަށް ލޯބިން އެކުގައި އުޅެމުންދިއައިމެވެ. ކައިވެންޏަށް ދެ ދަރިން ލިބުނުތަނާ ފެނުނީ ކުއްލިއަކަށް ކުޑަދަރިފުޅު އަތަށް ލައިގެން ކޮއްކޮ އައިސް ހުއްޓައެވެ. ހުރީވެސް ރޮވިފައެވެ.

ބުނީ ވަރިކޮށްލާފައި ފިރިމީހާ (އަހަރެންގެ އަލަތު ފިރިމީހާ) ފިލައިފި ކަމަށެވެ. ފިލީ ގެ މޯގޭޖްކޮށްފައި ލިބުނު ފައިސާތައްވެސް ހިފައިގެން ކަމަށެވެ. ލޯނު ނުދެއްކިގެން މިއަދު ގެ ބޭންކަށް ނަގައިފިކަމަށެވެ. ވީމާ މިއައީ ބޯހިޔާވަހިކަމެއް ދޭނެކަމުގެ އުންމީދުގައި ކަމަށެވެ.  

އޭނާއަށް މަރުޙަބާކީ ފިރިމީހާއެވެ. ބުނީ މިގޭގައި އިނދެވޭނެކަމަށެވެ. ދެމައިން ބަލަހައްޓައިވެސް ދޭނެ ކަމަށެވެ. އެއިގެ އިތުރުން ފިރިމީހާ ބޭންކާއި ގުޅައިގެން ލޯނަށް ފިރިމީހާ އަމިއްލައަށް ޒިންމާވެ ގެވެސް އަނބުރައި ފޯދުމަށްފަހު އެގެވެސް ހެދީ އޭނާގެ މިލްކަކަށް ނޫނެވެ! ހަމަ އަޅުގަނޑުގެ ގެއަކަށެވެ.  

ދުވަސްކޮޅެއް ފަހުން ކޮއްކޮއަށް ފިރިއަކުވެސް ހޯދައިދިނީ ފިރިމީހާއެވެ! ކައިވެނިކޮށްގެން ފިރިމީހާ އާއިއެކު ކޮއްކޮ ދިއައީއެވެ. ދެބެންގެ ގުޅުން ދެން ދުވަހަކުވެސް ނުކެނޑޭނެކަމަށް ބުނެ އެތައް ވަޢުދެއްވަމުންނެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ވާހައިން ލިބޭ ޢިބްރަތްތެރި ފިލާވަޅު ހަމަ ބޮޑުކަމުންނެވެ. ދައްތައަށް ބޭވަފާތެރިވާ ފިރިން ތިމާއަށް އިޚްލާޞްތެރިވާނެ ކަމަށް ޤޢަބޫލުކުރާ ކޮއްކޮއިން މަދުނޫންވީމައެވެ.  

ދެން ބުނެލަން އޮތީ ތިމާ ރަނގަޅު ގޮތުގައި ހުއްޓައި ބައިވެރިޔާ ދެރައެއް ދީފިނަމަ އޭނާއަށްވުރެ ރަނގަޅު ބައިވެރިއަކު ދެއްވަވާނެކަމަށް ބުނާ ބަހުގެ ތެދުކަން އަޅުގަނޑަށް ކުރެވުނު ތަޖުރިބާއިންވެސް އެނގި ސާބިތުވެއެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. ބުނެފިނަމަ އަޅުގަނޑުގެވެސް ހުރި ހަމައެކަނި ކޮއްކޮ ހިތުގައި ޖެހޭނެތީއެވެ!

 

- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން