މަންމައަށްޓަކާ އަމިއްލަ އުފާތައް ޤުރްބާންކޮށް މަންމައަށް ޚިދުމަތްކުރި އަންހެނަކަށް އޭނާއަށް ބޭނުންވާނެ ހުރިހާ އުފާތަކެއް އެންމެ މަތީ ފެންވަރުގަ ޙާޞިލުކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 17ސ
މަންމައަށްޓަކާ އަމިއްލަ އުފާތައް ޤުރްބާންކޮށް މަންމައަށް ޚިދުމަތްކުރި އަންހެނަކަށް އޭނާއަށް ބޭނުންވާނެ ހުރިހާ އުފާތަކެއް އެންމެ މަތީ ފެންވަރުގަ ޙާޞިލުކުރެވުނު ގޮތުގެ ވާހަކަ-

އަހުރެމެން ކޮންމެ ދުވަހަކު 5 ފަހަރު ނަމާދުކުރަނީ އެއީ ކުރަން ފަސޭހަކަމަކަށްވެގެނެއް ނޫނެވެ. ﷲ ތަޢާލާ އެކަމަށް އަމުރުފުޅުކުރައްވަވާފައިވާތީއެވެ. ނަމާދުކުރާ ގިނަބައަކަށްވެސް ނުވިސްނިގެން އުޅޭ އެއްކަމަކީ މައިންބަފައިންނަށް އެހީތެރިވެ ހެޔޮކޮށްހިތުމަކީވެސް ހަމަ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މަދު ދަރިއަކު ނޫނީ މައިންބަފައިންނަށް ހޭދަކުރަނީ އެމީހުންގެ ބޭނުންތައް ފުއްދާފައި އިތުރުވާނަމަ ކަމަށް ބުނުމަކީ ދޮގަތަކަށް ނުވާނެއެވެ. މާނައަކީ އެގޮތަށް ޢަމަލުކުރާ ދަރިން އެހައިވެސް ގިނަވެއްޖެއެވެ. ހަމަ އެއާއިއެކު ކުޑައިރު މައިންބަފައިން ތިމާއަށްޓަކައިވީ ޤުރްބާނީގެ އަގުވަޒަންކޮށް މައިންބަފައިންނަށްޓަކައި ޤުރްބާންވަމުންދާ ދަރިންވެސް އެބަތިއްބެވެ.  

އެމީހުން އެފަދަ ބޮޑެތި ޤުރްބާނީތައް މައިންބަފައިންނަށްޓަކައި ވަމުން އަންނަ އެންމެ ބޮޑު އެއް ސަބަބަކީ އެޤުރްބާނީގެ ސަބަބުން ﷲ ތަޢާލާ އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުމެވެ. އެމީހުންގެ ޚިދުމަތް ޤަބޫލުފުޅު ކުރައްވަވައި ސުވަރުގެ ވެއްދެވުމެވެ.

ތިރީގައި އެވަނީ މައިންބަފައިންނަށްޓަކައި ތިމާގެ އަމިއްލަ އުފާތައް ޤުރްބާންކޮށް އަދި އަދާކުރާ ވަޒީފާއަށްވުރެ މާދަށުދަރަޖައިގެ މަސައްކަތްކޮށްގެންވެސް މަންމަގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތްކުރި އަންހެނަކަށް ލިބުނު ކާމިޔާބީގެ ވާހަކައެވެ. ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ލިބުނު ގޮތުގެ ވާހަކައެވެ.  

ވިސްނަވައިގެން ވާހަކަވިދާޅުވެލައްވާށެވެ!   

އޭނާ ވަޒީފާއެއް ލިބޭތޯ އިންޓަރވިޔުއަށް ދިއުމުން އޭނާގެ ސެޓުފިކެޓްތަކާއި ކާމިޔާބީއަށް ބެލުމުން ވަޒީފާ ޙައްޤެވެ. މައްސަލައަކަށްވީ މޭކަޕްނުކޮށް އަދި ސެންޓް ނުޖަހައި ހުރުމާއި ލައިގެންހުރި ފޭރާމުގެ ބައުކަމެވެ. އެކަން ފާހަގަކުރުމުން އޭނާ ބުނީ އެގޮތަށް އޭނާހުރީ ހުންނަން ބޭނުންވެގެން ނޫންކަމަށާއި ކުރިމަތިވެފައިވާ ޙާލަތުގެ ގޮތުން މިވަތު މަޖުބޫރުވެގެން ކަމަށެވެ.  

ސަބަބާއި ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. ވަޒީފާދިނީއެވެ. ނަމަވެސް އެކަންކަން ރަނގަޅުކުރަން ބުންޏެވެ.  

އެއިގެ ދުވަސްކޮޅެއް ފަހެވެ. ވެރިމީހާއަށް ފެނުނީ އޭނާ ރޭގަނޑު ރެސްޓޯރަންޓެއްގައި ކުނިކަހައި ސާފުކުރުމުގެ މަސައްކަތްކުރަނިކޮށެވެ. ރުޅި އައިސްގެން ގޮސް ބުންޏެވެ. "އަހަރެންދޭ މުސާރަ ކުޑައީ ހެއްޔެވެ؟ ތިއަ ވައްޓައިލަނީ އަހަރެންގެ އަގެވެ. ދެން އޮފީހަށް ނުކުންނާނެ ކަމެއް ނެތެވެ."  

ލިބުނު ހިތާމައިގާ އަނެއްކާވެސް ވަޒީފާއެއް ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި ދެވުނު އޮފީހަކުން އޭނާގެ ކުރީގެ ވަޒީފާ ގެއްލުނު ސަބަބާއިމެދު ސުވާލުކުރުމުން ކަންކަން ހިނގައިދިއަ ގޮތް ކިޔައިދީފައި ބުންޏެވެ. "އަޅުގަނޑުގެ މަންމަ މިވަގުތުވެސް އޮތީ ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ކުރަން ވަރަށް ގިނަ ފައިސާ ބޭނުންވެއެވެ. އަދި އޮޕަރޭޝަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ ފުރާނައަށް އޮތް ނުރައްކަލެކެވެ. ވީމާ ހުސްވަގުތުކޮޅެއް ލިބިއްޖެނަމަ މަގު ކުނިކަހައިގެންވެސް މަންމަގެ އޮޕަރޭޝަނަށް ފައިސާ ހޯދަން މަސައްކަތްކުރުން މަޖުބޫރެވެ. ރީތި ފޭރާން ނުލެވެނީވެސް ސެންޓު ޖަހައި ޒީނަތްތެރި ނުވެވެނީވެސް މަންމަގެ އޮޕރޭޝަނަށް ފައިސާ ޖަމާކުރަންޖެހޭތީއެވެ."  

އެމީހާވީ ވަރަށް ހެޔޮލަފާ ރަނގަޅު މީހަކަށެވެ. އޭނާއަށް ވަގުތުން ވަޒީފާވެސް ދިނެވެ. އަދި އޭނާގެ މަންމަ އޮޕަރޭޝަންކުރަން ބޭނުންވާ ފައިސާ ވެސްދިނެވެ.  

ކަންދިމާވިގޮތުން ފަހުން ވަޒީފާދިން ކުންފުންޏަކީ ކުރިން މަސައްކަތްކުރި ކުންފުންޏަށް މަސައްކަތް ހޯދައިދޭ ކުންފުންޏެކެވެ. އެކުންފުންޏަށް މަސައްކަތް ނުދޭތީ އައިސް ބޭއްވި ބައްދަލުވުމުގައި ވެރިޔާގެ ސެކެޓްރީއަކަށް އިނީ އޭނާއެވެ. ފުރަތަމަވެސް ސުވާލުކުރީ މިހާރު މަސައްކަތް ނުދެނީ ސެކެޓްރީ އުފެއްދި ފިތުނައަކުންތޯއެވެ؟  

ޖަވާބުގައި ބުންޏެވެ. "އެއްވެސް މީހަކު ފިތުނައެއް ނުއުފައްދައެވެ. ކަމެއް މެދުވެރިވުމުން ޙަޤީޤަތާއި އެއްގޮތަށް ކިޔައިދިނުމަކީ ފިތުނައެއް އުފެއްދުމެއް ނޫނެވެ. މައްސަލައަކީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ އިންސާނިއްޔަތުކަން ނެތުމެވެ. ނިކަމެތިން ދަތިޙާލުގައި އުޅޭތަން ފެނުމުން އެހީތެރިވުމުގެ ބަދަލުގައި އަނިޔާވެރިވާތީއެވެ. ވީމާ އިންސާނިއްޔަތުކަން ނެތް މީހުންނާއެކު ކުރިއަށްދާން ބޭނުން ނުވަނީއެވެ. އަހަރެމެން ބޭނުންވަނީ ލިބޭ ފައިދާއިން އެހެން މީހުންނަށް އެހީތެރިވެދޭ، އިންސާނިއްޔަތުކަން ހުރި މީހުންނަށް އެހީތެރިވެދީގެން އެމީހުންގެ ތަނަވަސްކަން އިތުރުކޮށްދޭން މަސައްކަތްކުރާށެވެ."  

އެއިގެ 2 އަހަރު ފަހެވެ. ކުންފުނީގެ ވެރިއަކު ވަނީ އޭނާ އާއި ކައިވެނިކޮށްފައެވެ. ތަނަވަސް ފިރިއަކުވެސް ލިބުނީއެވެ. އުފާވެރި ދިރިއުޅުމެއްވެސް ލިބުނީއެވެ. މަންމައަށްޓަކައި ވީޤުރްބނީގެ އަގު މިދުނިޔޭގައިވެސް ލިބުނީއެވެ.

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މައިންނަށް އެހީތެރިވެދިނުމުގެ މުހިންމުކަމާއި މައިންނަށްޓަކާ ވާޤުރްބާނީއަށް ދުނިޔޭގައިވެސް ހެޔޮ ޖަޒާ މިންވަރުކުރައްވަވާކަން ބުނުމަށެވެ.  

ވިސްނައިލާށެވެ! ދުނިޔޭގެ ހުރިހާ އުފާތަކަކުން އޭނާ އަމިއްލައަށް މަޙްރޫމްވީ މަންމައަށްޓަކައެވެ. އޮފީހުގައި މަސައްކަތްކުރަމުން ކުނިކަހާ މޮޕްލާ މަސައްކަތް އެކުރީވެސް ހަމަ މަންމައަށްޓަކައެވެ. ރީތި ހެދުންލުމާއި ޒީނަތްތެރިވުމުން އަމިއްލައަށް މަޙްރޫމްވީވެސް ހަމަ މަންމައަށްޓަކައެވެ.  

އޭނާގެ ބޭނުން ޙާޞިލްކުރެވުނެވެ. މަންމައަށް ބޭސްފަރުވާ ކުރެވުނެވެ. އަދި އެންމެ ފަހުން އެލިބުނީ ތަނަވަސް ފިރިއެކެވެ. ބޭނުންހައި ހެދުމެއްލައި ބޭނުން ސެންޓެއްޖަހައި ބޭނުންވަރަކަށް ޒީނަތްތެރިވުމުގެ ފުރުޞަތެވެ. ދެން އޭނާއަށް ދުނިޔެއިން އިތުރަށް ބޭނުންވާނީ ކޮން އެއްޗެއް ހެއްޔެވެ؟  

ވީމާ މިއީ ހުރިހާ ދަރިންނަށްވެސް ޢިބްރަތްތެރި ވާހަކައަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޛުލޭޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން