އަޅުގަނޑު ފުރަތަމަ ކިޔައިދޭނީ މިވާހަކައެވެ. އެއަށްފަހު އަޅުގަނޑަށް ދިމާވި ގޮތުގެ ވާހަކަ ބަޔާންކުރާނަމެވެ. ސަމާލުކަން ދެއްވައިގެން ވިދާޅުވެލައްވާށެވެ.
އަހުރެންގެ ފިރިމީހާއަކީ ތަނަވަސްމީހެކެވެ. ރަނގަޅު ފިރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ހުރިހާ ސިފަތަކެއް ހުރި މީހެކެވެ. އެހެންވެ ދެމަފިރިންވެސް އުޅެމުން އައީ ވަރަށް ލޯބިންނެވެ. އަހަރެއްހައި ދުވަސްފަހުން އަހުރެން ޝައުޤުވެރިވާންފެށީ އޭނާގެ ފޯނު ބެލުމަށެވެ. އެކަމަސް އުފެދުނު ޝައުޤުވެރިކަން ބޮޑުވެ އެއްރޭ އޭނާ ނިދަން އޮއްވައި އޭނާގެ ފޯނު ނަގައިހޭވީމެވެ.
އަހުރެންނަށް ރޮވުނެވެ. އެއީ އެހްން އަންހެނަކާއި ބަދަލުކޮށްފައިވާ ލޯބީގެ މެސެޖްތަކެއް ފެނުމުންނެވެ. އެވާހަަކ އަހުރެން އޭނާގެ ގާތަކު ނުބުނަމެވެ. ނަމަވެސް އޭނާއާއި ދުރުިހެލިވެވުނެވެ. ދުވަސްކޮޅަކުން ޝައުޤުވެރިވެވެންފެށީ ބަދަލު ހިފުމަށެވެ. އެކަމަށް ޝައުޤުވެރިކަން ބޮޑުވަމުން އައިސް އައިސް އަހުރެންނާއި އަޅައިގެންފައި ހުންނަ މީހަކަށް ގުޅީމެވެ. އަމިއްލައަށް ދަޢުވަތުދީގެން ހޮތަލެއްގެ ކޮތަރިއަކުން ބައްދަލުކުރީމެވެ.
ކޮޓަރީގައި ހޭދަވާނީ އެންމެ 15 މިނީޓް އިރެވެ. ބޮޑު ކަމެއްވެސް ނުކުރަމެވެ. ހިތްބިރުގަތީއެވެ. އެހެންވެ އެހެން ފަހަރަކުން ބައްދަލުކުރަން ނިންމައި ކޮޓަރިން ނުކުތީއެވެ. ލިފްޓުން ފައިބައިގެން ލޮބީއަށް ނުކުމެވުނީ ފިރިމީހާގެ ކުރިމައްޗަށެވެ. ދެމީހުން އެއިރުވެސް އެކުގައި ތިބުމުން އަހުރެންނަށް ބުނެވޭނެ އެއްޗެއް ނެތެވެ. އޮތީ ބޭޒާރުވެފައެވެ. ފިރިމީހާވެސް ބަހެއް ނުބުނެ ދިއައީއެވެ.
އެރޭ ފިރިމީހާ ދެމީހުންގެ އެންމެ ގާތް އެކުވެރިން އެއްކުރިއެވެ. އަހުރެން އެގޮތައް ކަންތައްކުރި ގޮތް ކިޔައިދޭން ބުނުމުން އެއްވެސް ދޮގެއް ނުހަދައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ފިރީމީހާ އޭނާގެ އަހުރެންގެ އަތަށްދީފައި ބުނީ އެމެސެޖްތައް ދެއްކުމަށެވެ. އަހުރެން ދެއްކީމެވެ. ދެއްކުމުން ފިރިޟިހާ ބުނީ މެސެޖުތަކުގެ ތާރީޚް ބަލައިލުމަށެވެ. ބަލައިލިއިރު އެއީ ދެމީހުން ބައްދަލުވުމުގެވެސް މާކުރީގެ މެސެޖުތަކެކެވެ. އެހިސާބުން ސުވާލު އުފެދުނެވެ، އަހުރެންނަށް ކުރިން ތާރީޚް ބަލައިނުލެވުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުވެސް ވިސްނުނެވެ. ޝައިޠޯނާ ނުދެއްކީއެވެ. ހުރަސްއެޅީއެވެ. އަދި އަހުރެން ލައްވައި ހުރިހާ ގޯހެއް ހައްދުވާފައި ފިރިމީހާގެ ކުރިމައްޗަށް އަހުރެން ނެރުވީވެސް ހަމަ ޝައިޠޯނާކަންވެސް ވިސްނުނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ.
ފިރިމީހާ އަހުރެން ވަރިކޮށްލީއެވެ. އެކަމާ ވީދެރައިން އިތުރުމީހަކާ ކައިވެނިކުރާނެ ހިތްވަރެއްވެސް ނުލިބިހުރެ މިހާރު މުސްކުޅިވީއެވެ. ކޮންމެ ދުވަހަކުވެސް ހިތަށް ހަމަޖެހުން ލިބެނީ ހިތާމަކޮށް ރޮއިލުމުންނެވެ.
އަޅުގަނޑަށްވެސް ދިމާވީ ހަމައެފަދަ ގޮތެކެވެ. ފިރިމިހާއަށް ޝައްކުކުރެވުނީއެވެ. ބަދަލުހިފަން މަސައްކަތްކުރެވުނީއެވެ. މިހާދިސާގައިހެން ބޭޒާރުވެ ކައިވެނި ރޫޅުނެވެ. ތަފާތަކީ އަޅުގަނޑަށް ކުށެއް ކުރެވުނަސް ހަމަ މިހާދިސާގައި ފަދައިން ޢިއްފަތްތެރިކަން ނަގާނުލާކަން ފިރިމީހާއަށް ޔަޤީންކޮށްދިނުމުން އޭނާ މާފުކުރީއެވެ. އަހުރެންގެ ހުރި ރަނގަޅު ސިފަތައް ގިނަވީމައެވެ. ނަމަވެސް 3 އަހަރަށްފަހުގައެވެ. އެ 3 އަހަރުގެ ކޮންމެ ދުވަހަކީވެސް ހަމަ އެއަންހެންމީހާ ފަދައިން ރޮއިކަރުނަ އެޅި ދުވަހެކެވެ.
އަޅުގަނޑުވެސް އެއަންހެންމީހާއަށް އެއްބަސްވަމެވެ. ހުރިހާ ގޯހެއް ހައްދުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވެނީއެވެ. ވީމާ ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ޝައިޠޯނާއަށެވެ. އޭއްޗަށް ކައިރިވެސް ނުވެވޭނެ ގޮތަށް ޢަމަލުތައް ބަހައްޓަންވީއެވެ. އަޅުގަނޑު މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެކަމަށެވެ.
- ޝަހީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް