"މާލެ ޓެކްސީ" ލައިންގެ އީވީ ދެ ކާރު ވިލިމާލެއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
"މާލެ ޓެކްސީ" ލައިންގެ އީވީ ދެ ކާރު ވިލިމާލެއަށް ގެންގޮސްފި

ސަރުކާރުން އަލަށް ތަޢާރަފުކުރި "މާލެ ޓެކްސީ" ލައިންގެ ޚިދުމަތަށް ބޭނުންކުރާ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ދެ ކާރު ވިލިމާލެއަށް ގެންގޮސްފިއެވެ. މިއީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅޭގޮތުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ވިލިމާލެއަށް ގެންގޮސްފައިވަނީ ލުމީ މޮޑެލްގެ ދެ އީވީ ޓެކްސީއެވެ. މި ޓެކްސީތަކަކީ ތިމާވެއްޓާ ރައްޓެހި، ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ޚިދުމަތެއް ގްރޭޓަރ މާލެ ސަރަޙައްދަށް ފޯރުކޮށްދިނުމަށް ގެނެސްފައިވާ އުޅަނދުތަކެކެވެ.

މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްޓީސީސީން ބުނެފައިވަނީ، "އަޅުގަނޑުމެން މި ހާމަކުރަނީ އުފަލާއެކު. މާލެ ޓެކްސީ ލައިންގެ ޚިދުމަތަށް އެހީތެރިވުމުގެ ގޮތުން ލުމީ މޮޑެލްގެ ދެ އީވީ ޓެކްސީ މިހާރު ވަނީ ވިލިމާލެއަށް ފޮނުވާފައި،" ކަމަށެވެ. އަދި މި އީކޯ-ފްރެންޑްލީ ޓެކްސީ ފްލީޓުގެ ސަބަބުން ސާފު އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މާލެ ޓެކްސީ ލައިންގައި ޖުމްލަ 150 ކާރު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ވިލިމާލޭގައި ޚިދުމަތް ދިނުމަށް މިވަގުތު ހަމަޖެހިފައިވަނީ މި ދެ ކާރެވެ. މިއީ ވިލިމާލޭގެ ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅޭ ސިޔާސަތާ އެއްގޮތަށް ގެނެވުނު އުޅަނދުތަކެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން