ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި އެހީތެރިކަން ލިބުނުކަމެއް: އެމްއެމްއޭ

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި ބޮޑު އެހީތެރިކަމެއް ލިބުނު ކަމެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މަރުކަޒީ ބޭންކުން މިކަން ހާމަކުރީ ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަންޏެއް ދައްކައި ޚަލާސްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިއަން ޑޮލަރު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދައްކައި ޚަލާސްކޮށްފައެވެ. މި ފައިސާ ދައްކާފައިވަނީ ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން އެމްއެމްއޭ މެދުވެރިކޮށެވެ.

އެ އޮތޯރިޓީން ބުނީ ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) ބޭނުންކޮށްގެން ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭއިން ސިފަކުރެއެވެ.

މަރުކަޒީ ބޭންކުން އިތުރަށް ހާމަކުރި ގޮތުގައި، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، 2024 ވަނަ އަހަރު ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުޙިއްމު ކުރިއެރުންތަކެއް ލިބުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.

"ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާއި ގުޅިގެން ކުރެވުނު މުޙިއްމު މަސައްކަތްތަކުން،" އެމްއެމްއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތްތަނުގައިވެސް އެ އޮތޯރިޓީން މަސައްކަތްކުރަމުން ދާނީ ސަރުކާރާއި ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އެއްބާރުލުމާއެކު، ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައެވެ.

މިއަދު އޮންލައިން