ވޯޓުލުން ކުރިއަށްދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ވޯޓުލުން ކުރިއަށްދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރުއަދާކުރައްވައިފި

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު، މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުން ފުލުހުން ވަނީ ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ވޯޓުލުން ކުރިއަށްދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފުލުހުން ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭފަދަ ބޮޑު އެއްވެސް ހާދިސާއެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު މިވަގުތު ބަންދުގައި ނެތްކަންވެސް އެ މުއައްސަސާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަކުރައްވާފައެވެ. ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި، ވޯޓުލާން ދިޔަ ރައްޔިތުންނަށާއި އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.

މިއަދު އޮންލައިން