ޢިބްރަތްތެރި ވާހަކަ: ﷲ ގެ މަގުގަ ޘާބިތުވެ ހުންނާތީ އެކަން ކުށަކަށް ހަދައި ވަރިކޮށްލުމުން މާހެޔޮލަފާ، މާތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ޢިބްރަތްތެރި ވާހަކަ: ﷲ ގެ މަގުގަ ޘާބިތުވެ ހުންނާތީ އެކަން ކުށަކަށް ހަދައި ވަރިކޮށްލުމުން މާހެޔޮލަފާ، މާތަނަވަސް ފިރިއަކު ލިބުނު އަންހެނެއްގެ ވާހަކަ-

އެކި މީހުންނަށް މެދުވެރިވަނީ އެކި ސަބަބުތަކެވެ.

ހެޔޮލަފާ، ދީނަށް ޢަމަލުކުރާ މީހުން އިތުރުވިނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެ ދީނާއި ދުރަށްޖެހެވޭ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. އެމީހުންނަށްވަނީ ޒާތީ މިނިވަންކަމަކީ ކޮބައިކަންވެސް އޮޅިފައެވެ. މިއީ ވަރަށް ދެރަކަމެކެވެ. އެނަގައިލެވެނީ އެމީހެއްގެ އާޚިރަތްކަމަށްވާތީއެވެ.  

ތިރީގައިވާ ވާހަކައަކީ ހުރިހާ ގޮތަކުންވެސް ވަރަށް ޢިބްރަތްތެރިވާހަކައެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމުން އެއީ ކުށަކަށް ހަދައި ވަރިކޮށްލީމާ ދަތިޙާލުގައި އުޅެންޖެހުމުން އަމިއްލަ ދަރިފުޅަށް ބޭނުންވާ ކަންކަންވެސް ކޮށްނުދީ މައިމީހާއަށް އެހީތރިވެ އަދި ހިލޭ ފިރިހެނުންގެ އަތުން އެއްވެސް އެއްޗެއް ނުހޯދައި ދިރިއުޅުނު އަންހެނަކަށް ލިބުނު މާއުފާވެރި، މާތަނަވަސް ދިރިއުޅުމުގެ ވާހަކައެވެ.  

ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ގެއިން ނެރެލީ ދަރިފުޅަށް ދޮރުއަހަރުގައެވެ. އެއިރު ކައިވެންޏަށް އޮތީ 4 ވަނަ އަހަރަށެވެ. އަޅުގަނޑުމެން ދެމައިންނަށް އެހާލު ޖެއްސި ސަބަބުތައް ކިޔައިދެމުން ފިރިމީހާ ފާހަގަކޮށްފައިވާ އެއްކަމަކީ އޭނާގެ ޒާތީ ދިރިއުޅުމާއި ބެހުމެވެ.  

ފިރިމީހާ ޤަބޫލުކުރާ ގޮތުގައި ނަމާދުވަގުތުވުމުން މިސްކިތައް ދާން ހަނދާންކޮށްދިނުމާއި ޓިވީން ބަންގިގޮވަންފެށުމުން ބަންގީގެ އަޑު ބާރުކޮށްލުމަކީ އޭނާގެ ޒާތީ ކަންކަމާބެހުމެވެ. މިނިވަންކަމަށް ހުރަސް އެޅުމެވެ.  

މީގެ އިތުރުން ފިރިމީހާއަކީ ރޭގަނޑު މަސައްކަތްކުރަންޖެހޭ މީހަކަށް ނުވާއިރުވެސް ރޭގަނޑު ދަންވަރު 1،2 ޖަހާއިރު ގެއަށް އައުމުން އެހައި ލަހުން އައީ ކީއްވެގެންތޯ އަހައިލުމަކީވެސް އޭނާގެ ޒާތީ ކަންކަމާބެހުމާއި މިނިވަންކަމަށް ހުރަސް އެޅުމެވެ.

އަޅުގަނޑުގެ މައިންބަފައިންނަކީވެސް މާލެއަށް ނިޞްބަތްވާ ބައަކަށްވެފައި ކުޑަ ބިންކޮޅެއް އޮތުމުން އަޅުގަނޑަށްވެސް ވަނީ 300 އަކަފޫޓުގެ ކުޑަކުޑަ ބިންކޮޅެއް ލިބިފައެވެ. ކައިވެނީގެ ކުރިން ލިބުނު މުސާރައިން އެތަނުގައި ހުންނާނީ ކޮޓަރިއެއް އަޅައި ކުއްޔަށް ދިފައެވެ. އަޅުގަނޑަށް ޖެހުނީ ތަންހުސްކޮށް އެތަނަށް ބަދަލުވާށެވެ. ބަދަލުވެވެންދެން ހުރީ މައިންބަފައިންގެ ގާތުގައެވެ.  

ގޭގައި ދިރިއުޅެން ފެށިތަނާ މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެހެންވެ ލިބޭ މުސާރައިން ބޮޑުބައެއް ހޭދަކުރަންޖެހުނީ މަންމައަށެވެ. އެހެނަސް އެއީ ބުރައެއް ކަމަކަށް ނުދެކެމެވެ. ދަރިފުޅަށް ކޮށްދޭންޖެހޭ ބައެއް ކަންކަން ކޮށްނުދީވެސް ބެލީ މަންމައަށް ވީހައި ރަނގަޅަކަށް ކަންކަން ކޮށްދެވޭތޯއެވެ.  

އެއްދުވަހެކެވެ. ސްކޫލުން ދަރިފުޅު ގޮވައިގެން ގެއަށް ދިއަ މަގުމަތީގައި ކޮންމެހެން ގަންނަން ޖެހިފައި ހުރި ބައެއް ތަކެތި ގަތުމަށް ރެޑްވޭވްގެ ބޮޑު ފިހާރައަކަށް ވަނީމެވެ. ދަރިފުޅު އެދުނު ބައެއް ތަކެތި ގަނެއް ނުދެވުނެވެ. އެހެންވެ ދަރިފުޅު ހުރީ ދެރަވެފައެވެ.  

ފިހާރައިން ބޭރަށް ނުކުތްތަނުން އަޅުގަނޑުގެ ދަރިފުޅާއި އެއްއުމުރުގެ ކުއްޖަކު ގޮވައިގެން ހުރި ފިރިހެނަކު ސަލާން ގޮވައި ވާހަކަދެއްކިއެވެ. އޭނާވީ ކުރިން ފިހާރަތެރޭގައި ހުރި މީހަކަށެވެ. ދަރިފުޅު އެއްޗެއްސަށް އެދުމުން އަޅުގަނޑަށް ބުނެވުނު ބަސްތައް އަޑުއިވުނު މީހަކަށެވެ.  

އޭނާ ބޭނުންވީ އަޅުގަނޑުގެ ދަރިފުޅު ބޭނުންވި ހުރިހާއެއް ދަރިފުޅަށް ގަނެދޭށެވެ. އަޅުގަނޑު އަތަށް ފައިސާ ދިނުމުން ބުނީމެވެ. "މާފްކުރައްވާށެވެ! ހިލޭ ފިރިހެނަކު ދޭ އެއްވެސް ފައިސާއެއްގައި ދުވަހަކުވެސް ނުހިފަމެވެ. ތިހާ އިޚްލާޞްތެރިކަމާއެކު އެދުމުން ބުނަމެވެ. ބޭނުންނަމަ އަމިއްލައަށް ގަނެފައި ދަރިފުޅަށް ދޭށެވެ."  

އެހެން ބުނުމުން އޭނާ އެދުނީ ދަރިފުޅު ގޮވައިގެން އަލުން ފިހާރައަށް ވަނުމަށެވެ. އަޅުގަނޑު އެކަންކުރީމެވެ. ދަރިފުޅު ދެއްކިހައި އެއްޗެއް އޭނާ ގަނެދިނެވެ. ފިހާރައިން ނުކުމެފައި ބުނީ އެއީ އޭނާގެ މަންމައަށްޓަކައި ކުރި ޞަދަޤާތެއް ކަމަށެވެ. އަދި އަޅުގަނޑުމެންނާއި ފަހުން ބައްދަލުކުރަން ބޭނުން ކަމަށްބުނެ ފޯނުނަންބަރަށް އެދުމުން ނަމްބަރުވެސް ދިނީމެވެ. 

އެއިގެ 3 ދުވަސްފަހުން ހަވީރަކު އޭނާ ގުޅައި އޭނާގެ ދަރިފުޅު ގޮވައިގެން ބުރުޖަހާލަން ނުކުންނައިރު އަޅުގަނޑުމެން ދެމައިންނާއި ބައްދަލުކުރަން އެދުނެވެ. އަޅުގަނޑު އެކަން ޤަބޫލުކުރުމުން އޭނާ އަޅުގަނޑުމެންގެ ގެއަށް އައެވެ. އަޅުގަނޑުގެ ކިބައިގައި ތަނަވަސްކަން ހުރި ވަރުން ސައިވެސް ދިނީމެވެ.  

ސައިބޮއި ނިމިގެން އޭނާ ބުނީ އޭނާގެ އަނބިމީހާ ނިޔާވެފައިވާ ކަމަށެވެ. އިތުރު ކައިވެންޏެއް ނުކޮށް މަޑުކުރަނީ ހެޔޮލަފާ އަންހެނަކާއި ބައްދަލުވެ ކައިވެނިކުރުމުގެ އުންމީދުގައި ކަމަށެވެ. އަޅުގަނޑު ކުރީ ދުވަހު ދެއްކި ވާހަކައިން އެކަނިވެސް އަޅުގަނޑާއިމެދު ހިތްހަމަޖެހޭ ކަމަށާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. އަޅުގަނޑު އެކަން ޤަބޫލުކުރީމެވެ. އަދި ދަރިފުޅު ގާތު އެދުވަހު އެހެން ބުނަން ޖެހުނު ސަބަބު އަންގައިދިނުމުގެ ގޮތުން މަންމަ އޮންނަ ބައަށް ވައްދައި މަންމަވެސް ދެއްކީމެވެ.

ކޮންމެއަކަސް ކައިވެނިކޮށްފިއެވެ. ކައިވެނިކޮށްގެން ދެމައިން ގެންދިއައީ އޭނާގެ ގެއަށެވެ. އޭނާއަކީ ކިހައި ފެންވަރެއްގެ، ކިހައި ތަނަވަސް މީހެއްކަން އެނގުނީ ގެއަށް ގެންދިއުމުންނެވެ. ލެއްވެވި ރަޙްމަތަށް ހާސްފަށުން މާތް ﷲ އަށް ޝުކުރުކުރީމެވެ.  

ދެވަނަ ކައިވެނީގައި 8 އަހަރުވީއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ކުރީގެ ފިރިމީހާ އާއި ހުރި ތަފާތުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވާ ތަފާތަކީ ބަންގީގެ އަޑު އިވުމުން ރުޅި އައުމުގެ ބަދަލުގައި ނަމާދުކުރަން ވަރަށް ބޮޑަށް ސަމާލުކަންދޭކަމާއި ގަދަވެ ސަލާމަތުން ތިބިނަމަ ކޮންމެރެއަކުހެން އެކުގައި ދަމުނަމާދުކުރާކަމެވެ. މަސައްކަތް ނިމޭއިރަށް ގެއަށް އައިސް ގޭގައި އުޅޭކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިން ގާތު ޚާއްޞަކޮށް އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ ފަދަ ފިރިންނަށް ބުނެލަން ބޭނުމީ ކުރީގެ ފިރިމީހާގެ މިހާރުގެ ޙާލެވެ. ސްޓްރޯކެއް ޖެހިފައި މަސައްކަތެއް ނުކުރެވެއެވެ. ކަންފަތަށް އަޑުއިވެނީ ވަރަށް ބާރަށް ވާހަކަދެއްކުމުންވެސް ހަމަ ކިރިޔަކިރިޔާއެވެ.  

ކޮންމެހެން އަޅުގަނޑުގެ ރަނގަޅުވާހަކަ ދައްކާކަށް ނޫނެވެ. އަނބިމީހާ ނަމަވެސް އެހެން މީހަކު ނަމަވެސް ނަމާދަށްދާން ހަނދާންކޮށްދީފިނަމަ ރުޅި ނާންނާށެވެ! ބަންގީގެ އަޑު އިވިއްޖެނަމަ އަވަހަށް ނަމާދަށްދާށެވެ! ކޮންމެ ކަމެއް، ކޮންމެފަދަ ވަގުތަކުވެސް ކުރިމަތިވެދާނެކަމަށް ބިރުވެތިވާށެވެ! އެއްވެސް ކަމެއް މެދުވެރިވާނީ ސަބަބު ބުނެފައެއް ނޫނެވެ.

 

- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން