ޢިބްރަތްތެރި ވާހަކަ: ބަލީގެ ގޮތުން އަރާމުކުރަން ޑޮކްޓަރު ބުނީމާ "އެހާބަލި މީހަކާއެކު ނުއުޅެން މަންމަ ވަރިކޮށްލި ބައްޕަ އެނބުރި އައުމުން ދަރިފުޅު ދިން ޖަވާބާ ކަންތައް ކުރި ގޮތް- ޢިބްރަތަކަށް ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 2ސ
ޢިބްރަތްތެރި ވާހަކަ: ބަލީގެ ގޮތުން އަރާމުކުރަން ޑޮކްޓަރު ބުނީމާ "އެހާބަލި މީހަކާއެކު ނުއުޅެން މަންމަ ވަރިކޮށްލި ބައްޕަ އެނބުރި އައުމުން ދަރިފުޅު ދިން ޖަވާބާ ކަންތައް ކުރި ގޮތް- ޢިބްރަތަކަށް ފުދޭނެ!

އަޅުގަނޑު ވަރިކޮށްލާފައި ދިއައިރު ދޮށީ ދަރިފުޅުގެ ޢުމުރަކީ 10 އަހަރެވެ. ދެވަނަ ދަރިފުޅުގެ ޢުމުރަކީ 8 އަހަރެވެ. ވަރަށް ދަތިޙާލުގައި ގެންގުޅެ ދަރިން ބޮޑެތިކޮށް ވަޒީފާއަދާކުރަންފެށިފަހުން ގެއަށް އައިސް ފިރިމީހާ ޑްރާމާކުޅެން ފެށީމާ ދެދަރިން އޭނާ ގެއިން ނެރެ ބޭރުކޮށްލީއެވެ. މިހާރު ހިނގަނީ އެއީ އަޅުގަނޑުގެ ސަބަބުންކަމަށްބުނެ އަޅުގަނޑު ގޯސްކުރަމުންނެވެ.  

އަޅުގަނޑުގެ ސުވާލަކީ ދަރިންގެ ލޯމަތީގައި ހިނގައިދާ ކަންކަމަށް ދަރިން ބޮޑެތިވެ ގޮތް ނިންމާ އޮތީ އަޅުގަނޑުގެ ކޮންކުށެއްތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ޒާތުގެ ސުވާލުތައް ވަރަށް ގިނައިން ކުރެވެއެވެ. ފުރަތަމަ ކަމަކީ ތިމާގެ ކުށް ޤަބޫލުކުރާނެ މީހަކު ތިއަގޮތަށް ކަންތަކެއް ނުކުރާނެއެވެ. ވަރިކުރިޔަސް ޒިންމާއުފުލާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެބާވަތުގެ މީހުން ދައްކާ ވާހަކަތަކަށް ނުވިސްނުމެވެ. އެކަންކަމަށް ﷲ ތަޢާލާ ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ޙާދިސާވެސް ވިދާޅުވެލައްވާށެވެ!  

ކައިވެނީގެ ޚުޠުބާގައިވެސް ބަލިވެއްޖެ ނަމަ އަޅާލައި އެހީތެރިވުމަށް ވަޞިއްޔަތްކުރެއެވެ. އަދި ބައިވެރިޔާ ބަލިވެއްޖެނަމަ ހެޔޮކޮށްހިތައި ބޭސްފަރުވާކޮށްދީ ޝިފާ ހޯދަން މަސައްކަތްކުރުން ފިރިމީހާގެ މައްޗަށް އިންތިހާއަށް ބާރުއަޅައެވެ. ހިތާމައަކީ ބައެއް މީހުންނަށް މިކަންކަމަށް ވިސްނައި ނުލެވޭކަމެވެ.  

ތިރީގައި އެވަނީ އަނބިމީހާ ބަލިހާލުގައިވެސް މަސައްކަތްކުރަނިކޮށް ބޮލަށް އެނބުރުން އަރައި ވެއްޓުމުން ޒުވާން ޢުމުރުގައި އެހައި ބަލި މީހަކާއިއެކު ދިރިނުއުޅެވޭނެ ކަމަށްބުނެ ވަރިކޮށްލާފައި ދިއަ ބައްޕައަކަށް ކުރިމަތިލާންޖެހުނު ޙާލަތާއި އެކަމުގެ ސަބަބުން އަނބިމީހާއަށާއި ދަރިފުޅަށް ލިބުނު ބޮޑު ކުރިއެރުމުގެ ވާހަކައެވެ. 

ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑަކީ ހަޔާތުގެ ފުރަތަމަ ބައިގައި އެއްވެސް އުފަލެއް ނުލިބި ދުނިޔޭގައި އުޅެންޖެހުނު އަންހެނަކީމެވެ. ކިޔަވައިގެން ހުރެމެ، އަމިއްލަ ގެދޮރުހުރެވެސް އެފަދަ ގޮތެއް މެދުވެރިވި ވާހަކަ ބުނީމާ ގިނަ ބައަކު ކަންބޮޑުވާނެކަންވެސް އެނގެއެވެ.

އަޅުގަނޑު ކައިވެނިކުރީ އެމީހަކު ދެކެ އަޅުގަނޑު އެންމެ ބޮޑަށް ލޯބިވީ މީހާއާއިއެވެ. އޭނާ އާއި ކައިވެނިކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބުނެވެ. ކައިވެނިކުރިތަނުން ބަލިވެއިނދެއްޖެއެވެ. ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނު ހިސާބުން ފެށިގެން ފިރިމީހާގެ ދުލުން އަޅުގަނޑާއިމެދު ހެޔޮ ބަހެއް ބުނި ހަނދާނެއް ނެތެވެ. އަބަދުވެސް އިވޭނީ ޝަކުވާގެ އަޑެވެ.  

ދަރިފުޅަށްޓަކައި ކެތްތެރިވީ ފިރިމީހާގެ ކަންކަން ކޮންމެވެސް ހިސާބަކުން އިޞްލާޙްވެ ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެކަމެއް ނުވިއެވެ. ކަންކަން ދިއައީ ދުވަސްވީވަރަކަށް ގޯހުން ގޯހަށް ބަދަލުވަމުންނެވެ.

އެހެންކަމާއިއެކުވެސް ކެތްތެރިވާން ގަދައަޅައި މަސައްކަތްކުރީމެވެ. އުމުރުން 35 އަހަރެވެ. ލިބިފައިވާ ދަރިފުޅަށް 15 އަހަރެވެ. ޑޮކްޓަރުބުނީ އަޅުގަނޑުގެ ސިކުނޑިއަށް ގެއްލުމެއް ލިބިފައިވާކަމަށާއި އަރާމުކުރަން ބޭނުންވާނެ ކަމަށެވެ. ބުރަކޮށް މަސައްކަތް ނުކުރުމަށެވެ. ކޮންމެ ވަގުތަކުވެސް ލޯމައްޗަށް އަނދިރިވެ ވެއްޓިވެސްދާނެ ކަމަށެވެ.  

ޑޮކްޓަރުގެ ލިޔުންތައް ދެއްކީމާ ފިރިމީހާކުރީ މަލާމާތެވެ. ބުނީ ތިއައީ ބޯގޯސް ޑޮކްޓަރަކު ލިޔެފައިވާ ވާހަކަތަކެއް ކަމަށެވެ. އެވަރުގެ ބައްޔެއް ހުރިނަމަ ބޭރުންވެސް އެނގޭނެ ކަމަށެވެ. އެވަރުން ނިންމައިލީއެއް ނޫނެވެ. އޮށޯވެލައިފިނަމަ ބުނާނީ އެނދުހުރަސްބަލި ޖެހުނީ ކަމަށެވެ. އޭނާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްނުދޭންވެގެން މަކަރުހަދަނީ ކަމަށެވެ.  

އެފަދަ ޙާލެއްގައި އުޅެމުން، ގޭތެރޭގެ މަސައްކަތުގައި އުޅެނިކޮށް ލޯމައްޗަށް އަނދިރިވެގެން ވެއްޓުނީ ފިރިމީހާގެ ކުރިމައްޗަށެވެ. އެދުވަސްވީ ދެމީހުންގެ ކައިވެނީގެ ފަހު ދުވަހަށެވެ. އެރޭ ބުނީ މިހާ ޒުވާން އުމުރުގައި ތިއަހާ ބަލިމީހަކާއެކު ޙަޔާތް ވޭތިނުކުރެވޭނެކަމަށެވެ. އެހެން ބުނެފައި ވަރިކޮށްލާފައި ނުކުމެގެން ދިއައީއެވެ.  

ދަރިފުޅުގެ އުމުރަކީ އެންމެ 15 އަހަރު ނަމަވެސް އޭނާވީ ވަރަށް ހިތްވަރުގަދަ ކުއްޖަކަށެވެ. ބުނީ މަންމަ އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށެވެ. ﷲ ރިޒުޤް ދެއްވަވާނެ ކަމަށެވެ. ރިޒްޤް ހޯދަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.  

ދަރިފުޅަކީ ކުރެހުންތެރިއެކެވެ. ކޮމްޕިޔުޓަރު ކައިރީގައި އިނދެގެން ކުރެހުމެއް ކުރަހައި އިޝްތިހާރެއް ހަދައި ވިޔަފާރިވެރިއަކަށް ފޮނުވިއެވެ. އެކުރެހުންވީ އޭނާއަށް ވަރަށް ކަމުދިއަ ކުރެހުމަކަށެވެ. އެހެންވެ ދަރިފުޅު ލައްވައި މަސައްކަތްކުރުވަން ފަށައިފިއެވެ. ކުރާ މަސައްކަތަށް އަގުވެސްދެއެވެ. ލިބޭ ފައިސާކޮޅުން ދެމައިންނަށް ފުދޭވަރުވެއެވެ.  

ދަރިފުޅު ލައްވައި މަސައްކަތްކުރުވާތާ ދުވަސްކޮޅެއްފަހުން ތަންކޮޅެއް ބޮޑު މަސައްކަތެއް ޙަވާލުކުރަންވެގެން އޭނާ އަހަރެމެންގެ ގެއަށް އައެވެ. ދަރިފުޅަކީ 15 އަހަރުގެ ކުޑަކުއްޖެއްކަމާއި މިހާރުވެސް އުޅެނީ ސްކޫލްގައިކަން އެނގުމުން އޭނާ ހައިރާންވިއެވެ. އަދި ކިޔަވަމުން އެމަސައްކަތްކުރާތީ ވަކިން ބޮޑަށް ޙައިރާންވިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ ޙާލަތު ކިޔައިދިނުމުން އޭނާއަށް ވަރަށް އަސަރުކުރިއެވެ. އެހީވުމުގެ ގޮތުން ކަމެއްކޮށްދޭނެކަމަށްވެސް ބުންޏެވެ.  

އޭނާ ކޮށްދިން ކަމަކީ ގޭދޮރުމަތީގައި އޮތް ހުސްތަންކޮޅުގައި ކުޑަވަރެއްގެ ފިހާރައެއް އަޅައިދިނުމެވެ. ބުނީ އެތަން ކުއްޔަށްދިނީމާ ދެމައިންނަށް ފުދޭވަރަށް ފައިސާ ލިބޭނެ ކަމަށެވެ.  

ކޮންމެއަކަސް އޭނާއަށް މަސައްކަތްކޮށްދީގެން ލިބޭ ފައިސާ އާއި ކުއްޔަށް ލިބޭ ފައިސާ އެއްކޮށްލުމުން ހަމަ ތަނަވަސް ދިރިއުޅުމެއް އުޅެލެވޭވަރުވެއެވެ. ދެއްވެވި ނިޢްމަތަށް ޝުކުރުކޮށްގެން އުޅެމުން ދަނިކޮށް ދަރިފުޅު ސްކޫލުން ނިމިއްޖެއެވެ. ސްކޫލުން ނިމުނުތަނާ މޮޅަށް މަސައްކަތް ދަސްކުރަން ކޯހެއްގައި ދަރިފުޅު މެލޭސިޔާއަށް ފޮނުވައިފިއެވެ. މެލޭސިޔާގައި ހުރެ ކިޔަމުންދާއިރުވެސް އޭނާއަށް ކޮށްދޭންޖެހޭ މަސައްކަތްކޮށްދޭގޮތަށެވެ. ކުރާ މަސައްކަތުގެ އަގު އަޅުގަނޑަށް ދޭނެ ކަމަށްވެސް ބުންޏެވެ.  

ދަރިފުޅަށް ލިބުނު އެއްވެސް ފައިސާއެއްގައި އަޅުގަނޑު ނުޖެހެމެވެ. އަހަރުދުވަސްކޮށްފައި އެނބުރި އައިއިރު ކުލީގެ ފައިސާއިންނާއި އެކު އެކަށީގެންވާ ޢަދަދެއްގެ ފައިސާ އަތުގައި ހުއްޓެވެ. ދަރިފުޅު އެހިސާބުން ބޭނުންވީ ގެހަދާށެވެ. ލޯނެއްވެސް ނަގައިގެން ގެ ހެދީއެވެ. ފްލޯތައް ކުއްޔަށް ދިނުމުން ދެމައިންގެ ތަނަވަސްކަން އިތުރުވާން ފަށައިފިއެވެ.  

ދެން މިކިޔައިދެނީ ބަލީގެ ވާހަކައެވެ. ފިރިމީހާ ނުކުމެގެން ދިއަފަހުން އަރާމުކުރާނެ ވަގުތުލިބޭތީ އަރާމުކުރަމެވެ. ބޭސްކަމެވެ. ނަތީޖާއަކަށްވީ ބައްޔަށް ލުއިވަމުން އައިސް ފަސޭހަވުމެވެ.  

އަހަރެމެން  ދެމައިން ގެވެސް އަޅައި ތަނަވަހުގައި އުޅެންފެށިތަނާ ކުއްލިއަކަށް ފެނުނީ ފިރިމީހާ އައިސް ގޭގައި ހުއްޓައެވެ. ބުނީ ހެދުނީ ގޯހެއްކަން ވިސްނުނީމާ އެނބުރި އައީ ކަމަށެވެ. އަޅުގަނޑަށްވުރެ ކުރިން އޭނާއަށް ޖަވާބުދިނީ ދަރިފުޅެވެ. ބުނީ މަންމަ ބަލިވީމާ އެކަމުގެ އަދަބު މަންމައަށާއި ލިބިފައިހުރި އެންމެ ދަރިފުޅަށް ދޭންކެރުނު މީހާގެ ހިތް ދުވަހަކުވެސް ނުފުރޭނެ ކަމަށެވެ. އިޞްލާޙްވެސް ނުވާނެ ކަމަށެވެ. ވީމާ ބަލިކަމަށް ހެދި އެނދުހުރަސްބަލި ޖެހުނު މަންމަގެ ފަހަތުން ދުވުމަށްވުރެ ރަނގަޅުވާނީ ދުވަހަކުވެސް ބަލިނުވާނެ އަންހެނަކު ހޯދުން ކަމަށެވެ.  

އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަތު އަޅުގަނޑަށް ނުވެސްދީ މަންމަ މަޑުން އިންނާށޭ ބުނެފައި ބައްޕަ ގެއިން ނެރެ ބޭރުކޮށްލީވެސް ހަމަ ދަރިފުޅެވެ. ފަހުން ބުނީ މަންމައަށް އެއްވެސް އެއްޗެއް ބުނަން ފުރުޞަތު ނުދިނީ ހަމްދަރުދީވެ ބައްޕަ އަލުން ގޭގައި ބަހައްޓަން މަންމަ ބޭނުންވެދާނެތީ ކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިނަނަށް ބުނެލަން އޮތީ ފިރިމީހާ އަޅުގަނޑު ދޫކޮށްލިކަމުން ލިބުނު ފައިދާގެ ވާހަކައެވެ. އަޅުގަނޑުގެ ބޮލަށް ޖެހުނު ބަލި ފަސޭހަވީ އޭނާ ދިއުމުން އޭނާ ކިޔާއެއްޗެއްސަށް ނުވިސްނީމައެވެ. މަޖުބޫރުވުމުން ނަމަވެސް މަސައްކަތްކުރަން ދަރިފުޅު ޝައުޤުވެރިވެ ގެހެދި ތަނަވަސްކަން ލިބުނީވެސް އޭނާ ގެއިން ނުކުމެގެން ދިއައީތީއެވެ. އަދި މިހުރިހާ ކަންކަން ފަހިވެގެން ދިއައީ އޭނާގެ ސަބަބުން ބޮލުގަ ރިއްސި ރިއްސުން ކެނޑި ގިނައިރު ޚުޝޫޢަތްތެރިކަމާއިއެކު އަޅުކަމުގައި އިނދެ ދުޢާކުރާނެ މަގުފަހިވުމުން ކަމަށެވެ.  

އަޅުގަނޑުވެސް ބުނެލަން އޮތީ ހަމަ އެއްވާހަކައެކެވެ. ﷲ އަށް ތެދުވެރި އަޅުންނަށް ރަނގަޅު ގޮތްތައް އަބަދުވެސް މެދުވެރިކުރައްވަވައި ދެއްވަވާނެ ކަމަށެވެ. ނުބައި ނުލަފާ ފިރިން ރުއްސަން ވަގުތު ހޭދަކުރުމަށްވުރެ ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުން ކުރާ ފައިދާ މާބޮޑުކަން އަޅުގނޑަށް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކުރެވިފައި ކަމަށެވެ.

 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން