ކައިވެނީގެ 3 ވަނަ ދުވަހެވެ. ފިރިމީހާ އޮފީހަށްދާން ތައްޔާރުވެގެން ނުކުތްއިރުވެސް ސައިހަދާފައެއް ނެތެވެ. ޝަކުވާކުރަން ވަޤުތުނަގާނުލައި ދިއައީ އޮފީހަށެވެ. އެނބުރި އާދެވުނީ ހަވީރު 4 ޖެހިއިރުއެވެ. ކާން ބަލައިލިއިރު ކައްކާފައެއް ނެތެވެ.
އަނބިމީހާ އާއި ވާހަކަ ދައްކައިލުމުން ބުނީ އޭނާ ކައްކާނީ އޭނާ ކައްކަން ބޭނުންވާ ދުވަހަކު ކަމަށެވެ. ގޭތެރޭގެ މަސައްކަތްކުރާނީ ކުރާހިތްވާ ދުވަހަކު ކަމަށެވެ. އެއީ ކޮންމެ ދުވަހަކު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އޭނާއަކީ އަނބިމީހާ ކަމަށާއި ނޯކަރެއް ނޫން ކަމަށެވެ. ކޮންމެ ދުވަހަކު މަސައްކަތްކުރުވާނެ ނޯކަރަކު ހޯދުމަށެވެ. ފިރިމީހާ ރައްދެއް ނުދެއެވެ. ކުރިންވެސް އުޅެމުން އައިގޮތަށް އަމިއްލައަށް ކައްކާލައިގެން ކެއްކީއެވެ.
އަނބިމީހާއަށް ވިސްނޭތޯ 3 ދުވަހު މަޑުކުރުމަށްފަހު 4 ވަނަ ދުވަހު ހަވީރު ގެއަށް އައީ އަންހެނަކު ގޮވައިގެންނެވެ. އެއީ ކޮން އަންހެނެއްތޯ އާއި ކީއްކުރަން ގެނައި އަންހެނެއްތޯ އަނބިމީހާ ސުވާލުކުރުމުން ބުނީ ނަމަކީ ޝެހެނާޒް ކަމަށެވެ. ގެނައި ބޭނުމާއި އޭނާގެ މަޤާމު އެނގޭނީ އޭނާގެ ފަރާތުން ޚިދުމަތް ލިބޭ ގޮތް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތަށް ގޭގައި އަންހެނަކު ނުގެންގުޅެވޭނެކަމަށް ބުނުމުން ފިރިމީހާ ބުނީ ގޭގައި ގެންގުޅެވޭނެ މީހުންނާ ގެންގުޅޭނެ ގޮތް ކަނޑައަޅާނީ އޭނާ ކަމަށެވެ.
މަހެއްހައި ދުވަސްފަހެވެ. އަނބިމީހާ ބުނީ ގޭގެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އޭނާ ފޮނުވައިލުމަށެވެ. ފިރިމީހާ ބުނީ މިހާރު މާލަސްވެއްޖެ ކަމަށެވެ. ދެން ޝެހްނާޒް ފޮނުވައިލެވޭނީ އޭނާގެ ކުށެއް ފެނުމުން ކަމަށެވެ. އަދި ޝެހްނާޒްގެ ކުށް ދައްކަން ގޯސްތައް ނުހެދުމަށެވެ.
ޝެހްނާޒަކީ ނޯކަރެއް ނޫންކަން އަނބިމީހާއަށް ވިސްނުނީ އެހިސާބުންނެވެ. ގޯސްހެދުނީ އޭނާއަށްކަންވެސް ވިސްނުނެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ލިބޭނެ އެންމެ ބޮޑު ދެރަ އެއޮތީ ލިބި ނިމިފައެވެ.
އެރޭ ނިދަން ތިބެގެން ފިރިމީހާގެ ގާތުގައި ޝަކުވާތައް ކުރަން ފެށުމުން ބުނީ ނޯކަރެއް ގެނައުން ނޫން ގޮތެއް ނެތްކަމަށް ބުނީ އަނބިމީހާ ކަމަށެވެ. ވިސްނޭތޯ ބަލަން ފުރުޞަތުވެސް ދިނިން ކަމަށެވެ. އަނބިމީހާގެ ޢަމަލުތައް ހުންނަ ގޮތުން ގެއަށް ނޯކަރެއް ގެނެސްފިނަމަ އޭނާއަށް ސަމާލުކަން ދެވިދާނެތީ ގެނައީ ނޯކަރެއް ނޫންކަމަށާއި ކުރިންސުރެ ޢާދޭސްކުރަމުން އައި އަންހެނަކާއި ދެއަންތބަށް ކައިވެނިކޮށްގެން ގެނައީ ކަމަށެވެ. ބޭނުންނަމަ މިރޭވެސް ވަރިވެގެން ދެވިދާނެ ކަމަށެވެ. އެހިސާބުން އަނބިމީހާއަށް ޖެހުނީ އަމާންދޭށެވެ.
މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންކަން ދިމާވި ގޮތެވެ. ބުނެލަން ބޭނުންވަނީ އަނބިމީހާގެ ޒިންމާތައް އަދާކުރަން ބޭނުން ނުވާނަމަ ރަނގަޅުވާނީ ކައިވެނި ނުކުރުން ކަމަށެވެ. ޒިންމާތައް އަދާނުކުރާނެ ނަމަ ކައިވެނީގެ ކުރިން އެވާހަކަ ބުނަންޖެހޭނެ ކަމަށެވެ. ނޫންނަމަ ކުރިމަތިވާނީ މިފަދަ ހިތާމަވެރި ގޮތްތައް ކަމަށެވެ.
ފިރިހެނުން އަނބިން ހޯދަނީ އެކަނި ނުއުޅެވިގެނެއް ނޫނެވެ. އެކުގައި އުޅޭނެ ބައިވެރިއަކަށް ބޭނުންވާތީއެވެ. އަދި އަނބިމީހާގެ ކިބައިން އެތައް ކަމަކަށް ބޭނުންވާތީއެވެ. އެއީ ހަމައެކަނި އެކުގައި ނިދުމެއް ނޫނެވެ. ދެން ލިބެން ބޭނުންވާ ޚިދުމަތްތަކުގެ މުހިންމުކަން ކުޑައެއް ނޫނެވެ.
- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް