އަޅުގަނޑުމެންގެ ކައިވެނި ރޫޅުނީ އަޅުގަނޑުގެ އެންމެ ގާތްއެކުވެރިޔާގެ ސަބަބުންނެވެ. ދެމީހުން ހިތާވުމުގެ ސަބަބުންނެވެ. އަޅުގަނޑަށް މިއުޅެނީ އެކުވެރިޔާއަށް މާފުކުރަން އުނދަގޫވެގެންނެވެ. މިޙާލަތުގަ ހިތްސާފުކުރަން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ. ތިއަފަދަ ކަމެއް ހިނގައިފިނަމަ އޮތީ އެކުވެރިޔާއަށް ޝުކުރުވެރިވުންކަން ވިސްނޭނެއެވެ. ސަބަބުވެސް އެނގޭނެއެވެ، އިން ޝާ ﷲ
އަހަރެންނަކީ އެންމެ ތަނަވަސް އަންހެނެއްކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް އަހަރެންނަކީ މައިންބަފައިންގެފުށުން ފުދިގެން ދިރިއުޅެވޭވަރަށް ތަނަވަސްކަން ލިބިގެން ހުރި އަންހެނަކީމެވެ. އަބަދުވެސް އަވަށްޓެރިންނާއި ގާތް ގުޅުމެއް ބާއްވައި އެއީ އެންމެ ގާތް މީހުންގެ ގޮތުގައި ބަލަމެވެ. ކަމަކު އެދިއްޖެނަމަ އެބޭނުމެއް ފުއްދައިދެމެވެ.
އެހެންކަމާއިއެކުވެސް ޚާއްޞަ ރަޙްމަތްތެރިއަކު ހުރެއެވެ. އެއީ ޝީނާއެވެ. އެހެންކަމުން އަހރެން ކައިވެނިކުރި ފަހުންވެސް އޭނާ ގެއަށް އައިސް އަހަރެމެންނާއިއެކުގައި ވަގުތު ހޭދަކުރެއެވެ. އެކިއެކި ކަންކަމުގައި އެހީތެރިވެދީވެސް ހަދައެވެ. އަހުރެންވެސް އޭނާއަށް ހެޔޮކޮށްހިތަމެވެ.
ކައިވެންޏަށް 2 އަހަރުނުވަނީސް ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނުތަނާ ލޯ އަނދިރިވާން ފަށައިފިއެވެ. ޑޮކްޓަރުން ފުރަތަމަވެސް ބުނީ ޚާއްޞަ ހޮސްޕިޓަލަކަށްފަރުވާހޯދުން ލަސްކޮށްފިނަމަ ލޮލުގެ ފެނުން އެކުގައިވެސް ގެއްލިދާނެ ކަމަށެވެ.
އަހަރެންގެ ފަރުވާއަށް އެއްވެސް ޚަރަދެއްކުރަން ފިރިމީހާއަށް ނުޖެހޭނެއިރުވެސް އަހަރެން ގޮވައިގެން ބޭރު ޤައުމަކަށްގޮސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ފަރުވާ ހޯދައިދޭކަށް އޭނާ ނުއުޅުނެވެ. ބުނަނީ އަދި އިހަށް މަޑުކޮށްލައި ދުވަސްކޮޅަކަށް ބަލައިލުމަށެވެ.
އެހެންވެ ފިރިމީހާ އާއި ޒުވާބުނުކުރަންވެގެން ދެބެއިންގެ ދެދަރި އަންހެން ދައްތައަކާއިއެކު މުދުރާއީއަށް ދިއައީމެވެ. ފިރިމީހާ ނުގެންދިއައީ ޤަޞްދުގައެވެ. އަހަރެން ބުނީ ދަރިފުޅު ގޮވައިގެން ދިއުމުން އުނދަގޫވާނެ ކަމަށާއި ދަރިފުޅު ގޮވައިގެން ދަރިފުޅު ބަލަން އޭނާ މަޑުކުރުން މާރަނގަޅުވާނެ ކަމަށެވެ. އެގޮތަށް ކަންތައްކުރަންޖެހުނީ އަހުރެންގެ ލޮލަށް ޝިފާލިބެން އޭނާ ބޭނުންނުވާކަން ވިސްނޭތީއެވެ.
އިރާދަފުޅުން އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. މާބޮޑު އޮޕަރޭޝަނެއް ކުރާކަށްވެސް ނުޖެހުނެވެ. ސިކުނޑީގެ ނާރެއްގެ ތެރެއަށް އެއްޗެއް ދުއްވާފައި ލޭޒަރ ބޭނުންކޮށްގެން ދިން ފަރުވާއަކުން ފަރުވާލިބި ފެންނަން ފަށައިފިއެވެ. ނަމަވެސް ފިރިމީހާގާތު ބުނީ ދިމާވީ ވަރަށް ދެރަގޮތަކަށް ކަމަށާއި އޮޕަރޭޝަންކުރުމުން ވީއިތުރަށް ގޯސް ކަމަށާއި މިހާރު ފެންނަނީ ހަމަކިރިޔަކިރިޔާ ކަމަށެވެ.
ފަރުވާލިބި ނިމުމުން ދިއައީ ޢުމްރާވުމަށެވެ. ޢުމްރާވުމަށްފަހު އެނބުރި ރާއްޖެ އައީ ފިރިމީހާއަށް އަންގައިވެސް ނުލައެވެ. ގެއަށް ދެވުނީ ޢިޝާނަމާދުން ފޭބިތަނާއެވެ. ދައްތަ ލައްވައި ދޮރުހުޅުވައިގެން ގެއަށްވަނީ ލޮލަށް ނުފެންނަ ކަމަށް ހެދެންވެގެން ދައްތަގެ އަތުގައިވެސް ހިފައިގެންނެވެ. އަނެއް އަތުން އަސައެއްވެސް ބޭނުންކުރަމުންނެވެ.
ގެއަށް ވަނުމުން ފެންނާނެ ކަމަށް އުންމީދުކުރި މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. އެންމެ ގާތް އެކުވެރިޔާ ޝީނާ އާއި ފިރިމީހާ ސޯފާގައި ތިބެގެން ބައްދަބައްދާފައި ލޯބިކުރަނީއެވެ. އެމަންޒަރު ބަލަން ދަރިފުޅު އެތަނުގައި ހުއްޓެވެ.
އަޅުގަނޑު ފެނުމުން ސިއްސައިގެން ދިއައެވެ. ނަމަވެސް އުފާވެރިކަމެއް ނުދެއްކުނެވެ. މޫނުމަތި ދިއައީ ރުޅިވެރިކަމުން ފުރިގެންނެވެ. އަހަރެންގެ ލަގެޖް ކޮޓަރިއަށް ވެއްދީވެސް ދައްތައެވެ.
ހަމަޖެހިލައިގެން ކުޑަ ސޯފާގައި އިށީނދެފައި ލޮލުގައި އަޅައިގެން ހުރި ބޮޑު ކަޅު އައިނު ނަގާއިރަށް ދަރިފުޅު ދުވެފައި އަތުވެއްޖެއެވެ. ލޯބިކޮށްލައި ނަގައި އުނގުގައި ބައިންދާފައި ބުނީމެވެ. "ފިރިމީހާއަށްވެސް ޝާނީއަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ފެނުނު މަންޒަރު ފެނުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ފިރިމީހާ އަވަހަށް އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެންދާށެވެ.
ޝާނީ ދެން އެއްގޮތަކަށްވެސް މިގެއަށް ނުވަންނާށެވެ. ކަމަކު ބޭނުންވެއްޖެނަމަ މެސެޖްކޮށްލާށެވެ. ކޮށްދެވޭވަރުގެ ކަންކަން ކޮށްދޭނަމެވެ. އެއީ ހަމަ ޝާނީއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. މިއީ ބުނާ ޖެއްސުމުގެ ބަހެއް ނޫނެވެ. އަހަރެން ޝާނީއަށް ޝުކުރުއަދާކުރަން ބޭނުންވަނީ އަހަރެންގެ ފިރިމީހާގެ ހުރި ޙަޤީޤީ ސިފަ އަހަރެންގެ ލޮލަށް މިފެނުނީ ޝާނީގެ ސަބަބުން ކަމަށްވާތީއެވެ. އެއީ ދުނިޔޭގައި އަހަރެންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. ނޫންނަމަ މުޅި އުމުރުވެސް ހޭދަކުރަންޖެހުނީ މިފަދަ ބޭވަފާތެރި އަނިޔާވެރިއަކާއިއެކުގައި ކަމަށްވެދާނެއެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ފައިދާއެއް ކުރާނެ ކަމަށެވެ. ބުނެލަން އޮތީ އެކުވެރިންނަށް ސަމާލުވާށެވެ! އެކުވެރިޔާ ކުރާ ކުށަކުން ތިބާއަށް ފައިދާއެއް ކޮށްފިނަމަ އެކަން ވެސް ބަލައިގަންނާށެވެ! އެކުވެރިޔާ ނުވަތަ ކިތަންމެ ގިނަ ބައަކު ބޭނުންވިނަމަވެސް ތަޤްދީރު ބަދަލެއް ނުކުރެވޭނެއެވެ. އެމީހަކަށް ދެއްވަވަން އޮތް ނިޢުމަތަކަށް ހުރަހެއް ނޭޅޭނެއެވެ.
ޝާނީގެ ސަބަބުން ފިރިމީހާ އާއި ވަކިވާންޖެހުނުކަންވީ އަޅުގަނޑަށް ލެއްވެވި އެންމެ ބޮޑު އެއް ރަޙުމަތަށެވެ. ހެޔޮލަފާ ފިރިއަކު ހޯދަން ލިބުނު ފުރުޞަތަކަށެވެ. އަޅުގަނޑުގެ ދެވަނަ ފިރިމީހާއަކީ އޮފީހަށް ނޫންތަނަކަށް ގެއިން ބޭރަށްދާ މީހެއް ނޫނެވެ. ކައިވެންޏަށް 12 އަހަރުފުރިގެންދިއައިރުވެސް ފުރަތަމަ ދުވަހާއި އެއްވެސް ތަފާތެއް ނުދައްކައެވެ. އަޅުގަނޑުގެ ކިބައިގައި ތަނަވަސްކަން ހުރިނަމަވެސް އެއްވެސް ކަމަކަށްވެސް ނޭދެއެވެ. އަމިއްލައަށް ފެނިގެން ކޮށްދިން ކަމެއް ނޫނީ ބޭނުމެއް ނުކުރެއެވެ.
- އައިޝް / މިއަދުނޫހުގެ ކިޔުންތެރިއެއް