ޢިބްރަތްތެރި ވާހަކަ: ކިޔަވައިދޭނެކަމަށްބުނެ ލޯބިވެރިޔާ ލަނޑުދިނުމުން ކުރެވުނު ކުށް ޤަބޫލުކޮށް ތައުބާވި އަންހެނަކަށް ހެޔޮލަފާ ފިރިއަކު ލިބި، ކިޔެވި، އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޢިބްރަތްތެރި ވާހަކަ: ކިޔަވައިދޭނެކަމަށްބުނެ ލޯބިވެރިޔާ ލަނޑުދިނުމުން ކުރެވުނު ކުށް ޤަބޫލުކޮށް ތައުބާވި އަންހެނަކަށް ހެޔޮލަފާ ފިރިއަކު ލިބި، ކިޔެވި، އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

މިކިޔައިދެނީ މީގެ އަހުރަތަކެއް ކުރީގެ ވާހަކައެކެވެ. އެއީ މިހާރުހެން އޮންލައިންކޮށް ކޯސްތައް ހެދޭ ދުވަސްވަރެއް ނޫނެވެ. ޑިޕޮލޮމާއެއް ޖނުވަތަ ޑިގްރީއެއް ބޭނުންނަމަ ޖެހޭނީ މާލެ އަންނާށެވެ.  

އަބަދުވެސް އެންމެ މައްޗަށް ކިޔަވާހިތްވެއެވެ. ނަމަވެސް އެއީ މާލެއައިސްގެން ކުރަންޖެހޭ ކަމަކަށްވާތީ ކުރެވޭނެ ގޮތެއް ނެތި ރަށުގައި ހުންނަން ޖެހުނީއެވެ. އެހެން ހުއްޓައި ސޯޝަލް މީޑިއާއިން ަބއްދަލުވި މީހަކު ދެކެ ލޯބިވެވުނެވެ. ލޯބިވެވުނު އެންމެ ބޮޑު ސަބަބަކީވެސް މާލެ ގެނެސް ކިޔަވައިދޭނެކަމަށް ބުނުމެވެ.

މައިން ބަފައިން ނުރުހި ތިއްބައިވެސް އޭނާގެ ގާތަށް މާލެއައިމެވެ. ބެހެއްޓީ ކުލީ ކޮޓަރިއެއްގައެވެ. ކާންދީ ބޭނުންވާ ކަންކަން ކޮށްދެއެވެ. އެކަމަކު ކޮލެޖަކަށް ވައްދައިދޭކަށް ނުއުޅުނެވެ. ބުނަނީ "ދެންފަށާ" ބުރަކަށް ވައްދައިދޭނެ ކަމަށެވެ. އެގޮތަށް 4 މަސްވެގެންދިއައިރު އޮތީ ހެދޭނެ އެންމެ ބޮޑު ގޯސް ހެދިފައެވެ. އިނީ ބަލިވެއެވެ. އެވާހަކަ ބުނުމުން ދިއަ ގޮތަކަށް ނައުދެއެވެ. ފޯނުވެސް ނިއްވައިލީއެވެ. ހީވަނީ ނަންބަރު ބަދަލުކުރީ ކަމަށެވެ.  

އިންކޮޓަރީގެ ކުލި ނުދައްކައި އެނބުރި ރަށަށްވެސް ނުދެވޭނެތީ ވަރަށް ކަންބޮޑުވިއެވެ. އެކަމަކު ކޮންމެވެސް މަގެއް ފެންނާނެ ކަމުގެ އުންމީދު ކަނޑައެއް ނުލަމެވެ. އަބަދުހެން އިނީ ކޮޓަރީގައެވެ. ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުގައެވެ. ދުޢާކުރުންމަތީގައެވެ. އެކަމުގެ ނަތީޖާވެސް ފެނުނެވެ.  

އެގެއަށް އައިސް އުޅޭ ޒުވާނަކު އަޅުގަނޑަށް ސަމާލުކަންދީގެން ވާހަކަދައްކަން ފެށިއެވެ. ގުޅުން ބަދަހިވަމުން އައިސް ލޯތްބަށް ބަދަލުވިއެވެ. އެހިށާބުން އޮތީ ދެގޮތެކެވެ. އެއްގޮތަކީ ބަލިވެއިންކަން ސިއްރުކުރުމެވެ. އެކަމަކު އަޅުގަނޑު އިޚްތިޔާރުކުރީ ތެދަށް ކިޔައިދިނުމަށެވެ. ދެން އޮތްބައި ﷲ އަށް ވަކީލްކުރުމަށެވެ.

ހުރިހާ ކަމެއް އެނގުމުންވެސް އޭނާ އަޅުގަނޑު ބަލައިގަތެވެ. ކޮޓަރި ކުލި ދައްކައި ޚަރަދުވެސް ކުރިއެވެ. ވިހައި ގަދަވުމުން ކައިވެނިވެސްކުރިއެވެ. އޭނާގެ ޢާއިލީ ގެއަށް ބަދަލުކޮށް ކޮލެޖަށް ފޮނުވައިގެން ކިޔަވައިވެސް ދިނެވެ. މިއަދު ދެމީހުންވެސް މިތިބީ ރަނގަޅު ވަޒީފާގައެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.  

އަޅުގަނޑަށް ކަންކަން ދިމާވިގޮތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ އެންމެ ބޭނުމަކުއެވެ. ފުރަތަމަ ލޯބިވެރިއާއިއެކު ކުރަންޖެހުނު ފަދަ ހިތިތަޖުރިބާއެއް ނުކުރަން ވަޞިއްޔަތްކުރުމަށެވެ. އަދި ކުށެއް ކުރެވުމުންވެސް އެކަމަށް ކުރިމަތިލައި ތައުބާވެ ދުޢާކުރުމުން ކުރާނެ ފައިދާ ބޮޑުވާނެކަމަށް ބުނުމަށެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން