އިމާރާތްކުރުމުގެ ދާއިރާއިން ޖީޑީޕީއަށް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިމާރާތްކުރުމުގެ ދާއިރާއިން ޖީޑީޕީއަށް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވެއްޖެ

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްކުރެވޭނެ އަދަދުތަކަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާއިން ރާއްޖޭގެ ނޮމިނަލް ޖީޑީޕީއަށް ފަސް އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ، ސަރުކާރުން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ބޭންކުގެ ޕޯޓްފޯލިއޯ ވަރުގަދަވެ، ވިޔަފާރި ފުޅާވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން އިޤްތިޞާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެ، އާންމު ފަރުދުންނަށް ވަޒީފާގެ ފުރުސަތުތައް އުފެދި، ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމަކީ ހަމައެކަނި އިމާރާތްކުރާ ކުންފުނިތަކަށް ލިބޭ ކުރިއެރުމެއް ނޫންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، "މިއީ ސަޕްލަޔަރުންނާއި، މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކުގެ އިތުރުން މުޅި ގައުމުގެ އިޤަތިޞާދީ ސިނާއަތަށް ލިބޭނެ ބޮޑު ކުރިއެރުމެއް" ކަމަށެވެ.

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ 'ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ' ގެ ނަމުގައި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނިން މިހާރު ވަނީ ޖުމުލަ 3,260 ހައުސިންގ ޔުނިޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިއަދު އޮންލައިން