އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ

އާރްޓީއެލް ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްފައިވާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ޔާސިރު ވިދާޅުވީ، އާރްޓީއެލް ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށްޓަކައި ބާރުސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެގޮތުން ޒޯން 3 ގައި ހިމެނޭ 4 އަތޮޅެއްގައި ޚިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުންދާއިރު، މި ހިނގާ މަހުގެ ތެރޭގައި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ވަނީ ނިންމާފައެވެ.

މިހާރު މި ޚިދުމަތް ނުފެށި އޮތީ ކ، އދ، އއ، އަދި ވ. އަތޮޅުގައެވެ. މި އަތޮޅުތަކުގައި ޚިދުމަތް ފެށުމުން މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. ޔާސިރު ވިދާޅުވީ މިކަމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތާއި، ދަތުރުތައް ކުރާނެ ރޫޓް މެޕްތަކާއި ޝެޑިއުލްތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ޖޫން މަހުގެ ތެރޭގައި މުޅި ރާއްޖޭގައި މި ޚިދުމަތް ދޭން ފެށުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ފެރީތައް ބަނުމުގެ މަސައްކަތަށް ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ފެރީތައް ބަނުމުގައި ލަސްކަމެއް އައިސްފައިވޭ. ވަރަށް ގިނަ ރޯމެޓީރިއަލްސް ގެންނަން މި ޖެހެނީ މެދުއިރުމަތީ ޤައުމުތަކުން. ދަތުރުފަތުގެ މިއައި ލޮޅުމުގެ ސަބަބުން ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް އެބަހުރި،" ޔާސިރު ވިދާޅުވިއެވެ.

މި ދަތިތަކުގެ ސަބަބުން ޝެޑިއުލަށް ބައެއް ބަދަލުތައް އައުމުގެ ފުރުޞަތު އޮތް ނަމަވެސް، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން މަސައްކަތްތައް ވީހާވެސް އަވަސްކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އާރްޓީއެލް ފެރީގެ ނިޒާމަކީ ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މިއަދު އޮންލައިން