އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ވިލިނގިލީ ތައުލީމަރުކަޒަށް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަލިފާނުގެ ހާދިސާއާ ގުޅިގެން ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ވިލިނގިލީ ތައުލީމަރުކަޒަށް ފޮނުވައިފި

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ސާމާނު ތައުލީމީ ވުޒާރާއިން އެ ސްކޫލަށް ފޮނުވައިފިއެވެ.

ގއ. އޭއީސީން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން ކިޔަވައިދިނުމަށް ބުރޫއެރިޔަނުދިނުމަށްޓަކައި ތައުލީމީ ވުޒާރާއިން ވަނީ 36 ގަޑިއިރުގެ ތެރޭގައި ބޭނުންވާ ތަކެތި ހަމަޖައްސައިދީފައެވެ. އެއާ ކާގޯ މެދުވެރިކޮށް މިހާރު ވިލިނގިއްޔަށް ފޮނުވާފައިވާ ތަކެތީގެ ތެރޭގައި 10 ކޮމްޕިއުޓަރު ސިސްޓަމާއި، ތިން ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް ހިމެނެއެވެ.

އެ މަރުކަޒުން އިތުރަށް ބުނީ، އަންނަ އަންގާރަ ދުވަހު ސްކޫލުގެ ކިޔެވުން އާންމު ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ތައުލީމީ ވުޒާރާގެ ފަރާތުން ދީފައިވާ ކަމަށެވެ. މިއީ ސްކޫލުގެ އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުންތަކާއެކުވެސް ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ގއ. އޭއީސީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސްކޫލުގެ އޭސީއެއްގައި ރޯވުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ސްކޫލުގެ އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. ނަމަވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ސްކޫލުގެ ހިދުމަތްތައް އަވަހަށް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން