ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ މުއްދަތު ދިފާޢީ ވުޒާރާއިން އިތުރުކޮށްފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ މިމަހުގެ 7 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މުއްދަތު އިތުރުކުރަން ނިންމީ ކުރިން ދީފައިވާ ސުންގަޑި ކަމަށްވާ މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް ބަންދު ދުވަސްތަކެއް އައިސްފައިވާތީއާއި، ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ބެލެނިވެރިންތަކެއް އެދެމުންދާތީއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވޭނެއެވެ. މީގެ އިތުރުން ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި ދިފާޢީ ވުޒާރާއަށް ސީދާ ފޯމު ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށާއި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މުހިންމު މަސައްކަތެކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު އިފްތިތާހުކުރި މި ޕްރޮގްރާމަކީ 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީންތަކެކެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގގެ ތިންވަނަ ބުރުގެ ތަމްރީންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފްތާގައެވެ.

މިއަދު އޮންލައިން