ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ: ވަޒީރު ޝިޔާމް

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ އިންތިޚާބުތަކުގައި ބައިވެރިވެ އެ އިންތިޚާބުތައް ކާމިޔާބުކުރުން ކަމަށެވެ. އަދި އިންތިޚާބުތަކުގެ ނަތީޖާއަކީ އަބަދުވެސް ކަންކަމާ މެދު ފުންކޮށް ވިސްނައި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް ލިބޭ ފަހި ފުރުޞަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އިންތިޚާބާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، މިއީ ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް ކަމަށެވެ. "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށާއި، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށެވެ.

މީގެއިތުރުން، އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށާއި، ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ނަމަވެސް ހިތްވަރާއެކު މަސައްކަތް ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ވަޒީރު ވަނީ މަރުޙަބާ އާއި ސާބަސް ދަންނަވާފައެވެ. އަދި އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިންތިޚާބުގެ ތެރޭގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޢިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފު ހިތްވަރާއި ނަމޫނާއަށް ފަށްފަށުން ޝުކުރު އަދާކުރައްވަމުންނެވެ.

މިއަދު އޮންލައިން