ޕީޓްރަލް އަޙްމަދުބެ އަވަހާރަވުމުގެ ހިތާމައިގަ ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޕީޓްރަލް އަޙްމަދުބެ އަވަހާރަވުމުގެ ހިތާމައިގަ ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމް އަޙްމަދު އާދަމްގެ ޢާއިލާއަށާއި މައްޗަންގޮޅީގެ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. ރައީސްގެ މެސެޖު ފެއްޓެވީ "إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ" އާ އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަޙްމަދު އާދަމަކީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި އެއީ ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވައި، މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް އޭނާ ކޮށްދެއްވި ގިނަގުނަ ޚިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ވެދެއްވި ބޮޑެތި އެހީތަކާއި، ހަތްދިހައިގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ކުރެއްވިކަން ރައީސްގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މާލެއަށް މަޝްހޫރުވި "ގުރާބުތުނޑި ހޮޓާ" އަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ "ހޮޓެލް ޕީޓްރަލް" އުފައްދަވައި، ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި އިދާރާތަކަށް ދިގު މުއްދަތެއްގައި ޚިދުމަތް ދެއްވިކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމް އަޙްމަދު އާދަމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. "އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުން. އާމީން" ރައީސް ވިދާޅުވިއެވެ.

މަރްހޫމް އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) ގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދު އަސްރުނަމާދަށް ފަހު އާސަރަހާމިސްކިތުގައެވެ.

s

މިއަދު އޮންލައިން